ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގައި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް ހުރުމާ ގުޅިގެން، މި ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ދަންމާލުމަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިންވަނަ ދައުރު ކުރިއަށްދާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް އަދިވެސް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ދައުރު ދަންމާލުމާ މެދު މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި އަހަރު މަޖިލީހުގެ ދައުރެއް ދަންމާލަން ޖެހުނު ފުރަތަމަ ފަހަރަކީ މިއީ ނޫނެވެ. މުހިންމު މަސައްކަތްތައް ނިންމުމަށްޓަކައި މި އަހަރުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރު ވެސް ވަނީ މުއްދަތު އިތުރުކޮށްގެން ކުރިއަށް ގެންގޮސްފައެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ފުރަތަމަ ދައުރު ނިންމައި މެއި 16 ގައި ޗުއްޓީއަށް ދާން ޖެހުނު ނަމަވެސް، ގިނަ މަސައްކަތްތަކެއް ނުނިމި ހުރުމުން އެ ދައުރު މެއި 31 ގެ ނިޔަލަށް ދަންމާލިއެވެ. އެ މުއްދަތުގައި 10 ބިލެއްގެ މަސައްކަތް ނިންމިއެވެ.
އެއަށްފަހު، ފުރަތަމަ ދައުރުގެ ޗުއްޓީއަށް ނުގޮސް ޖޫން މަހުގެ 1 ވަނަ ދުވަހު ދެވަނަ ދައުރު ފެށިއެވެ. ދެވަނަ ދައުރު ވެސް ދަންމާލުމަށްފަހު މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 26 ގައެވެ.






