ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީ ބަލައިގަތުމުގެ ނިޒާމު ހަރުދަނާކޮށް، ކަސްޓަމްސްގެ އާމްދަނީއާ ގުޅޭ ޒިންމާތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި، މި އިސްލާހުގެ މަޤްސަދަކީ ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ބަލައިގަތުމާއި، ހިސާބުކުރުމާއި، ރިޕޯޓުކުރުމުގެ ކަންކަން ދައުލަތުގެ ފިސްކަލް ސިޔާސަތުތަކާ އެއްގޮތަށް ހިނގާކަން ކަށަވަރުކުރުމެވެ. އަދި ކަސްޓަމްސްގެ ޤަވާއިދުތައް އެކުލަވާލުމާއި، ކަމާ ގުޅޭ އިރުޝާދުތަކާއި ސަރކިއުލަރތައް ނެރުމުގައި މާލީ ވުޒާރާގެ ދައުރު ޤާނޫނީ ގޮތުން ކަނޑައެޅުން ވެސް މި ބިލުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
ބިލުގައިވާ ގޮތުން، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމަނަންވާނެއެވެ. އަދި ކަސްޓަމްސްގެ ބަޖެޓު ހުށަހަޅަންވާނީ ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލްގެ ލަފައާއެކު ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، މުދަލުގެ އަގު ކަނޑައެޅުމާ ބެހޭ ޤަވާއިދުތައް އެކުލަވާލުމާއި، އިމްޕޯޓް ޑިއުޓީއާއި އެނޫން ފީތައް ބަލައިގަތުމާއި، އެ ފީތަކުން ލުއި ދިނުމާއި އިސްތިސްނާ ދިނުމާއި، ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގައި މާލީ ވުޒާރާގެ ލަފާ ހޯދަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކަސްޓަމްސްގެ އާމްދަނީގެ ޒިންމާތައް މާލީ ވުޒާރާގެ ބެލުމުގެ ދަށަށް ގެނެސް، ކަމާ ގުޅޭ ޤާނޫނުތަކަށް އިސްލާހު ގެނެވޭނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ މިނިސްޓަރު ޙަސަން ޒަރީރު ވަނީ އަންނަ އަހަރަށް ލަފާކުރި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން އިޢުލާނުކުރައްވާފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ކަސްޓަމްސްގެ އާމްދަނީގެ މަސްއޫލިއްޔަތުތައް މާލީ ވުޒާރާގެ ދަށަށް ބަދަލުކުރުމުން ތަންފީޒީ މަސައްކަތްތައް ހަރުދަނާވެގެން ދާނެއެވެ.






