Wednesday, November 25
އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ 35.1 މިލިއަން ރުފިޔާގެ އެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ހުޅުވާލައިފިއެވެ.

ކޮމިޝަނުން މިއަދު ކުރި އިޢުލާނެއްގައި ބުނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް މިއަހަރު ދައުލަތުގެ ބަޖެޓުން ދިނުމަށް ހަމަޖެހިފައިވާ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުޞަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އެހީއަށް އެދި ހުށަހެޅުމުގެ ފަހު މުއްދަތަކީ 3 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެޕްލިކޭޝަން ހުށަހަޅަންވާނީ "ވަންގަވް" ތެރޭގައި ގާއިމުކޮށްފައިވާ "މީޑިއާ އެޕް" ޕޯޓަލް މެދުވެރިކޮށް ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.

އެމްއެމްބީސީން އާންމުކުރި އުޞޫލުގެ ދަށުން މިއަހަރު ދޫކުރާ ޖުމުލަ އަދަދަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ކަމުގައިވާ 35,124,332 ރުފިޔާ (35.1 މިލިއަން ރުފިޔާ) އެވެ. މި ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައެވެ.

އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބަލާ ކަންކަމުގެ ތެރޭގައި މީޑިއާ ހިންގަމުން އަންނަ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، އެމީހުންގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެއެވެ. އަދި އިދާރީ ނިޒާމު ރޭވިފައިވާ ގޮތާއި، ބިޒްނަސް ޕްލޭނާއި، ގެނެސްދެވޭ ކޮންޓެންޓުގެ ބާވަތްތަކަށްވެސް މާކްސް ދެވޭނެއެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރޭގައި މީޑިއާއަކާމެދު ފިޔަވަޅު އަޅައި އެކަން އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް ތިން މާކްސް އެޕްލިކޭޝަނުން އުނިކުރެވޭނެ ކަމަށްވެސް އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

އެއް ފަރާތަކުން ގިނަ މީޑިއާ ހިންގާ ނަމަވެސް ގްރާންޓަށް ހުށަހެޅޭނީ އެއް މީޑިއާއަކަށް ކަމަށާއި، ކޮންމެ މީޑިއާއަކަށްވެސް ހުށަހެޅޭނީ އެއް އެޕްލިކޭޝަން ކަމަށް އުޞޫލުގައި ކަނޑައަޅާފައިވެއެވެ. ކޮންމެ މީޑިއާއަކަށް ގިނަވެގެން ދެ މީޑިއަމް އިޚްތިޔާރުކުރެވޭނެ ނަމަވެސް، އެއް ބާވަތެއްގެ ދެ މީޑިއަމް ހިމެނުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މީޑިއާތަކަށް ޚާއްޞަ މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު