ހުޅުމާލެ ފޭސް ދޭގައި މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއް ބިނާކުރުމަށް ބޭނުންވާ ބިން ހަމަޖެހިފައިވާ ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ސުވާލު ކުރައްވަމުން މެންބަރު ފާހަގަކުރެއްވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމަކީ އެ ސިޓީގެ ރައްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕްގެ ޚިދުމަތްތަކުގެ އަގުތައް ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށްވުރެ ވެސް ބޮޑުކަން ގިނަ ބަޔަކު ފާހަގަކުރާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
އެގޮތުން، ހުޅުމާލޭގައި ސަރުކާރުގެ އާ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯއާއި، ޓްރީޓޮޕުން ޚިދުމަތް ހޯދުމުގައި ހިނގާ ޚަރަދުތައް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ ޝަމްހީދު ވަނީ ސުވާލުކުރައްވާފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް ދޭގައި ގާއިމްކުރަން ހަމަޖެހިފައިވަނީ 500 އެނދުގެ ޚިދުމަތްދޭ މަރުކަޒެއް ކަމަށާއި، މި މަޝްރޫޢަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކަމަށާއި، އެގޮތުން ޓެކްނިކަލް ރިކުއާމަންޓްސް ކަނޑައެޅުމާއި، ޚިދުމަތްތައް ޕްލޭންކުރުމާއި، އިންޖިނިއަރިން ފަރުމާތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ މި ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންގެ ޚާއްޞަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަ ސްޕެޝަލިޓީ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.






