Tuesday, November 24
އައްޑޫ އެއާޕޯޓަށް ފައިސާ ހަމަޖައްސަން ހުށަހެޅި އިޞްލާޙު ފާސްނުކުރަން 64 މެންބަރުން ވޯޓުދެއްވައިފި

އައްޑޫ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ، އަންނަ އަހަރުގެ ބަޖެޓު ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައިދިނުމަށް ހުށަހެޅި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާހެއް ނުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުމުގެ ކުރިން، ބަޖެޓަށް މެންބަރުން ހުށަހެޅުއްވި އިޞްލާޙުތަކަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެއްސެވިއެވެ. އައްޑޫ އެއާޕޯޓާ ގުޅޭ އިޞްލާޙު ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުﷲ ސޯދިގުއެވެ.

އިޞްލާޙު ހުށަހަޅުއްވަމުން މެންބަރު ސޯދިގު ވިދާޅުވީ، 2027 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށާއި، ބަޖެޓު ކޮންޓިންޖެންސީގެ ގޮތުގައި 1,000 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި ހިނގަމުންދާ މަޝްރޫޢުތަކަށް އިސްކަންދީ، އެ މަޝްރޫޢުތައް ބުރޫނާރާނެ ގޮތަށް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ލަފާދީފައިވާ ކަމާއި، ސަރަހައްދީ އެއާޕޯޓުތަކުގެ ކެޕޭސިޓީ އިތުރުވުމާއެކު ފަތުރުވެރިން އިތުރުވެފައިވާކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން، ދެކުނުގެ ސަރަހައްދުގެ އިޤުތިޞާދަށާއި ފަތުރުވެރިކަމަށް މުހިންމު މަޝްރޫޢެއް ކަމުގައިވާ އައްޑޫ އެއާޕޯޓު ނިންމުމަށް ބޭނުންވާ ފައިސާ ކޮންޓިންޖެންސީގެ ތެރެއިން ހަމަޖައްސައި، މަޝްރޫޢު ނިންމާނެ މުއްދަތާއި ޖުމްލަ ހަރަދުގެ ތަފްސީލު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅައި ބަޖެޓުގައި ހިމެނުމަށް ސޯދިގު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއެވެ.

އިޞްލާޙަށް ވޯޓަށް އެއްސެވިއިރު، އެ ވަގުތު ޖަލްސާގައި ތިއްބެވި 79 މެންބަރުންގެ ތެރެއިން އިޞްލާޙު ފާސްކުރުމަށް ވޯޓުދެއްވީ 14 މެންބަރުންނެވެ. އެ މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންނާއި، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާން ހިމެނެއެވެ. އިޞްލާޙު ފާސްނުކުރުމަށް 64 މެންބަރުން ވޯޓުދެއްވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު