Tuesday, November 24
ޒުވާނުންގެ ނަފްސާނީ މައްސަލަތައް ދީނީ ނަޒަރަކުން ވެސް ބަލަންޖެހޭ: ފަސްޓްލޭޑީ

ރާއްޖޭގައި ފުރާވަރުގެ ކުދިންނާއި ޒުވާނުންގެ މެދުގައި ދިމާވާ ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް ޞިއްޙީ ނަޒަރަކުން އެކަނި ނޫން، ދީނީ ނަޒަރަކުން ވެސް ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މިއަދު ޔޫތުހަބްގައި ބޭއްވި "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުންނާއި ކިޔަވާ ކުދިންނަށް ނަފްސާނީ ގޮތުން ތަފާތު ދަތިތަކާ ދިމާވަމުންދާކަން ފާހަގަކުރައްވައި، ދިރާސާތަކުން ފެންނަ އަދަދުތަކަކީ ކަންބޮޑުވާންޖެހޭ ފަދަ އަދަދުތަކެއް ކަމަށް ސާޖިދާ ވިދާޅުވިއެވެ.

"އުމުރުން 13-15 ދެމެދުގެ ކޮންމެ 6 ކުއްޖަކުން 1 ކުއްޖެއްގެ ސިއުސައިޑަލް ވިސްނުންތައް ހުރޭ. ކޮންމެ 7 ކުއްޖެއްގެ ތެރެއިން 1 ކުއްޖަކު އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭތީ ކުރެވޭ ފަދަ އިހުސާސްކުރޭ. އުމުރުން 15-29 އަހަރާ ދެމެދުގެ ކޮންމެ 5-1 ކުއްޖަކު ނަފްސާނީ މައްސަލަ ތަހައްމަލު ކުރޭ. މިއީ ދީނީގޮތުންވެސް އިތުރު ބެލުންތަކެއް ބަލަންޖެހޭ ކަމެއް،" އެކަމަނާ ވިދާޅުވިއެވެ.

ދިރިއުޅުމުގައި ދިމާވާ ނާއުއްމީދުތަކާ ކުރިމަތިލާން ދަސްކުރަންޖެހޭ ކަމަށާއި، ނަފްސާނީ މައްސަލަތައް ދިމާވުމުން އެހީތެރިކަން ހޯދުމަށް ފަސްނުޖެހުމަށް ވެސް ސާޖިދާ އެދިވަޑައިގެންނެވިއެވެ. އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދުމުގައި ލަސްކޮށްގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ފަރާތްތަކާ ހިއްސާކޮށް ލަސްނުކޮށް ފަރުވާ ހޯދުމަށް ސާޖިދާ ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމަޢުގެ ޒިންމާއެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އަދި މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ މަސައްކަތަކީ ހަމައެކަނި ވަޒީފާގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، އިންސާނީ ވާޖިބެއްގެ ގޮތުގައި ބަލައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު