Tuesday, November 24
ވުޒާރާގެ ސިޔާސަތުތައް އެކުލަވާލާނީ ޒުވާނުންގެ ޚިޔާލު ހިމަނައިގެން: މިނިސްޓަރު ރާފިޢު

ކުރިއަށް އޮތްތަނުގައި ވުޒާރާގެ ސިޔާސަތުތައް އެކުލަވާލާނީ ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހިމަނައިގެން ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޒުވާނުންނަށް ޚާއްޞަކޮށްގެން ބޭއްވި ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ކޮންފަރެންސްގެ ސަބަބުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމުގެ ހާލަތު ވަޒަންކުރެވި، ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ދެނެގަނެވުނު ކަމަށާއި، މިކަންކަމާ މެދު ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ޚިޔާލުތަކާއި މަޝްވަރާތަކުން ކުރިއަށް އޮތްތަނުގައި ވުޒާރާގެ ސިޔާސަތުތައް އެކަށައަޅައި ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހުރިހާ މަޝްވަރާތަކުން ނުކުތް ނަތީޖާއަކީ އަޅުގަނޑުމެންގެ ވުޒާރާއިން ކުރިއަށް އޮތްތަނުގައި ޒުވާނުންނަށްޓަކައި އެކުލަވާލާ ސިޔާސަތުތަކުގެ އެންމެ މުހިންމު ބައި. އަޅުގަނޑުމެން ތިޔަ ހުށަހެޅުންތައް ކަރުދާހުގައި ބާއްވާކަށް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަމަލީގޮތުން މިކަންކަން ތަންފީޒުކުރަން،" މިނިސްޓަރު ރާފިޢު ވިދާޅުވިއެވެ.

ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލެވުނީ ޒުވާނުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން ކަމަށާއި، މިފަދަ ކޮންފަރެންސެއްގައި ޒުވާނުންގެ އަޑު ހިތްވަރާއެކު ކެރިގެން އިއްވައިދިނީތީ ފަޚުރުވެރިވެލައްވާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" މި ޝިޢާރުގެ ދަށުން މާލޭ ޔޫތު ހަބުގައި ކުރިއަށްގެންދިޔަ މި ކޮންފަރެންސް ޚާއްޞަކޮށްފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވާލުމުގައާއި، މުޖުތަމަޢުގެ ތެރެއިން ޙައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު