މިދިޔަ އޮކްޓޯބަރު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ހެލްޕްލައިންތަކަށް ޖުމްލަ 2324 ކޯލް ލިބިފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ކޯލް ލިބިފައިވަނީ ޗައިލްޑް ހެލްޕްލައިން 1412 އަށެވެ. އެގޮތުން، 1412 އަށް 1775 ކޯލް ލިބިފައިވާއިރު، ސޯޝަލް ސާވިސް ހެލްޕްލައިން 1421 އަށް 549 ކޯލް ލިބިފައިވެއެވެ.
މީގެ އިތުރުން، އޮކްޓޯބަރު މަހު 141 ފަރާތަކަށް ކައުންސިލިން ސެޝަން ފޯރުކޮށްދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި 24 ފަރާތަކަށް ޕޭރެންޓިން ސެޝަން ކުރިއަށް ގެންގޮސްފައިވާއިރު، 24 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް ވެސް ވަނީ ފޯރުކޮށްދީފައެވެ.






