Tuesday, November 24
އޮފީހަކުން ވަގަށް ނެގި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައި، ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ އޮފީހަކުން ވަގަށް ނެގި ފައިސާގެ ބޮޑު ބައެއް ހޯދައި، އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ އޮފީހުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެވުނު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި / ފުއްޓަރު، އަޙްމަދު ނާޡިމް (31އ)، ރ. މަޑުއްވަރި / މުޝްތަރީގެ، ޙުސައިން ޞަބާޙް (42އ) އަދި ރ. މަޑުއްވަރި / ސްޓާރލައިން، ޢާއިޝަތު ނަޝާޔާ (32އ) އެވެ. އޭގެ ތެރެއިން އަޙްމަދު ނާޡިމް ހައްޔަރުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށާއި، އަނެއް ދެ މީހުން ހައްޔަރުކޮށްފައިވަނީ 23 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، ހައްޔަރުކުރި މީހުން ދިރިއުޅޭ ތަންތަން ބަލައިފާސްކުރުމުގެ ތެރެއިން 1,093,122.25 ރުފިޔާއާއި 8,845 އެމެރިކާ ޑޮލަރު ވަނީ ހޯދާފައެވެ.

މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ އޮފީހުން ވަގަށް ނަގާފައިވަނީ ޖުމްލަ 1,252,505 ރުފިޔާއާއި 11,470 އެމެރިކާ ޑޮލަރެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ނާޡިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޙުސައިން ޞަބާޙްގެ ބަންދަށް 30 ދުވަސް ޖަހައިދީފައިވާއިރު، ޢާއިޝަތު ނަޝާޔާގެ ބަންދަށް 5 ދުވަސް ޖަހައިދީފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު