Tuesday, November 24
ސެންޓަ އެންޓަޕްރައިސަސްއަށް 2 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ސެންޓަ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް 2 މިލިއަން ޑޮލަރު ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓާއި ހައިކޯޓުން ކުރި ހުކުމްތައް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއާ ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ފޯރުކޮށްދިން ސާމާނުގެ ފައިސާ ދައުލަތުން ނުދައްކާ ކަމަށް ބުނެ، އެ ކުންފުނިން ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.

އެ ދައުވާގައި ސާމާނުގެ އަގުގެ އިތުރުން ޖޫރިމަނާއެއްގެ ގޮތުގައި ވެސް ފައިސާ ހޯދައިދިނުމަށް އެ ކުންފުނިން އެދުނު ނަމަވެސް، ސިވިލް ކޯޓުން އެ ފައިސާ ނަގައިނުދީ، 2 މިލިއަން ޑޮލަރު ދައުލަތުން ދައްކަން ހުކުމްކުރިއެވެ. އެ ހުކުމް ދައުލަތުން ހައިކޯޓަށް އިސްތިއުނާފުކުރުމުން، ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.

ހައިކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން، ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވަނީ ދަށު ކޯޓުތަކުން މި މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތި ކަމަށެވެ.

އެހެންކަމުން، ސިވިލް ކޯޓުން ކުރި ހުކުމާއި، އެ ހުކުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް ބާތިލުކުރުމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު