Tuesday, November 24
އެޗްޑީސީއާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ ޖިމް ނިންމާލައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރި 71 އައުޓްޑޯ ޖިމްގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމްގެ މަސައްކަތް އެއްކޮށް ނިންމާލައިފިކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މި މަޝްރޫއުގެ ދަށުން ބާކީ ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން، ބައެއް ރަށްރަށުގައި އާ އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތުކުރަން ޖެހިފައިވާ އައުޓްޑޯ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މި މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގައެވެ.

ކުޅިވަރާ ބެހޭ ވުޒާރާގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މި މަސައްކަތުގެ މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މީހުންނަށް ބާރުއެޅުން ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު