ކަނދުފަތީގެ ޑިޒައިން އިތުރަށް ތަރައްޤީކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެއްގެ ދަށުން، ފުރަތަމަ ފަހަރަށް އައު ޑިޒައިނެއްގެ ކަނދުފައްޗެއް އއ. ތޮއްޑޫގެ ހުޅަނގު އުތުރުން 5 މޭލު ބޭރުގައި އަޅައިފިކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ވުޒާރާއިން ބުނީ، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން (އެފް.އޭ.އޯ)ގެ އެހީގައި ހިންގަމުން ގެންދާ މި މަޝްރޫޢުގެ ދަށުން، ވަދު މަސްވެރިކަމަށާއި މުނިފޫހިފިލުވުމުގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފައްޗެއް ތައްޔާރުކުރުމަށް ފަހު، އެ ކަނދުފަތި އއ. ތޮއްޑޫ ކައިރީގައި އަޅާފައިވާ ކަމަށެވެ. މިއީ މިފަދަ ކަނދުފައްޗެއް ރާއްޖޭގައި އެޅި ފުރަތަމަ ފަހަރެވެ.
މި ކަނދުފަތި ފަރުމާކޮށް ތައްޔާރުކޮށްފައިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ޤާއިމްކުރާ "ސަބްމާޖްޑް" ނުވަތަ "ސަބްސަރފޭސް" ކަނދުފަތީގެ ޑިޒައިން އަސްލަކަށް ބަލައިގެން، ކަނދުފަތީގެ ފްލޯޓިންގ ސްޓްރަކްޗަރ ދެފެންދޭތެރޭގައި އޮންނަ ގޮތަށެވެ.
ކަނދުފަތީގެ ނަގިލިވަލުގެ ގޮތުގައި ބޭނުންކޮށްފައިވަނީ މި ކަނދުފައްޗަށް ޚާއްޞަކޮށްގެން ގެނެވުނު އައު ބާވަތެއްގެ "ފްލޯޓިންގ" ވަލަކާއި "ސިންކިންގ" ވަލެކެވެ. ކަނދުފަތީގެ މައި ފްލޯޓިންގ ސްޓްރަކްޗަރ ހަރުކޮށްފައިވަނީ 20 މީޓަރު ފެނުއަޑީގައި، މައި ނަގިލިވަލާ ގުޅޭ ގޮތަށެވެ.
އަދި މި ފުންމިނުގައި ފަނާވެގެންދާފަދަ ބާވަތަކުން ތައްޔާރުކޮށްފައިވާ "ނޮން އެންޓޭންގްލިންގ" ދައުތަކެއް ވެސް ކަނދުފަތީގައި ހަރުކޮށްފައިވާނެ ކަމަށް ވުޒާރާއިން ބުނެއެވެ.






