Tuesday, November 24
2027 ވަނަ އަހަރުގެ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވީ 65 މެންބަރުންނެވެ. ބަޖެޓާ ދެކޮޅަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.

ބަޖެޓު ފާސްކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީގެ މެންބަރުން ހުށަހެޅި އެއްވެސް އިޞްލާޙެއް ބަލައިނުގަނެއެވެ. ބަޖެޓަށް 23 އިޞްލާޙެއް ހުށަހެޅުނު ނަމަވެސް، އޭގެ ތެރެއިން ޝަރުޠު ފުރިހަމަވީ ހަތް އިޞްލާޙަށް ކަމަށާއި، އެއް އިޞްލާޙު ފަހުން އަނބުރާ ގެންދެވުނު ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މުޅި ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން އިޞްލާޙުތަކަށް ވަކިވަކިން ވޯޓަށް އެހި ނަމަވެސް، އެއްވެސް އިޞްލާޙެއް ފާސްވާ މިންވަރަށް ވޯޓު ލިބިފައެއް ނުވެއެވެ.

2027 ވަނަ އަހަރަށް ފާސްކުރި ބަޖެޓަކީ، މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ކުޑަ ބަޖެޓެކެވެ.

ބަޖެޓުގައި ވާ ގޮތުން، އަންނަ އަހަރު ދައުލަތުން ޖުމްލަ 52.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު