ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތް ރަށްރަށުގައި އެ ނިޒާމުތައް ޤާއިމުކޮށް ނިންމުމަށް 2027 ވަނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 43 ރަށެއްގައި ފެނުގެ ނިޒާމާއި 33 ރަށެއްގައި ނަރުދަމާގެ ނިޒާމު އަދިވެސް ޤާއިމުކުރެވިފައެއް ނުވެއެވެ. ނަމަވެސް އެ ހުރިހާ ރަށެއްގެ މަސައްކަތް މިހާރު ކުރިއަށް ގެންދަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ކުރިއަށް އޮތް 1 އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ޤާނޫނީ ގޮތުން ވެސް ޒިންމާއެއް. މިފެށޭ އަހަރު އެންމެ އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވާ ބައެއް ކުންފުނިތަކުން މަސައްކަތް ނުނިންމައި ހުއްޓާލާފައިވާ މައްސަލައަށް ވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް އެ ކުންފުންޏާ ވާހަކަ ދައްކަމުން ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކުރުން ވަނީ ލާޒިމުކޮށްފައެވެ.






