Tuesday, November 24
ބަނދަރުތަކުގެ ގިނަ މަޝްރޫއުތައް ހުއްޓިފައިވަނީ ބޮޑުހިލަ ނުލިބިގެން: މިނިސްޓަރު މުއްޠަލިބް

ރަށްރަށުގެ ބަނދަރުތަކުގެ ގިނަ މަޝްރޫއުތައް މިހާރު ހުއްޓިފައިވަނީ ބޭނުންވާ މިންވަރަށް ބޮޑުހިލަ ނުލިބުމުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ދުނިޔޭގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ ވިޔަފާރިއަށާއި ތަކެތި އުފުލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ބަނދަރުތަކުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ އެއްކޮށް. މެންބަރުގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެން ހެން މުޅި ދުނިޔޭގައި ހަނގުރާމަކޮށް، އެއްޗެހި އަގުބޮޑުވުމާއި މި ކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަ ދައްކަވާއިރު،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދަތިތަކާއެކުވެސް އެކި ގޮތްގޮތުން ހައްލު ހޯދައިގެން މަޝްރޫއުތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން ބަލަމުން ގެންދެއެވެ. އަދި ބޮޑުހިލަ ލިބުމާއެކު އެއްކޮށް ނިންމާލެވޭ ހިސާބުގައި ގިނަ ޕްރޮޖެކްޓްތަކެއް ހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ހިލަ ލިބުނީމާ ނިންމޭނެ ވަރަށް ބައިވަރު ޕްރޮޖެކްޓްތައް އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑުހިލަ ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް މިނިސްޓަރު މީގެ ކުރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތަކަށް ކޮންމެ އަހަރަކު ގާތްގަނޑަކަށް 600,000 އާއި 1,000,000 އާ ދެމެދުގެ މެޓްރިކް ޓަނުގެ ބޮޑުހިލަ އެތެރެކުރަން ޖެހެއެވެ. އަތޮޅުތެރޭގެ ރަށެއްގެ ބަނދަރު ހެދުމަށް އެވްރެޖްކޮށް 15,000 އާއި 40,000 އާ ދެމެދުގެ މެޓްރިކް ޓަނުގެ ހިލަ ބޭނުންވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު