Tuesday, November 24
ރަސްމާލެ ތަރައްޤީކުރަނީ ހަމައެކަނި ނިދަން އަރާ ތަނަކަށް ނޫން: މިނިސްޓަރު މުއްޠަލިބް

ރަސްމާލެ ތަރައްޤީކުރަނީ އެ ރަށުގެ ރައްޔިތުންނަށް ޚިދުމަތް ހޯދުމަށް މާލެ އަންނަން ނުޖެހޭ ފެންވަރަށް، ވަޒީފާއާއި އާމްދަނީ ހޯދުމުގެ ފުރުޞަތު ލިބޭނެ ގޮތަކަށް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރަސްމާލެއިން 4,000 އަށްވުރެ ގިނަ ގޯތި ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، ރަސްމާލޭގެ ބައެއް ބައިތައް އެހެން ފަރާތްތަކަށް ދޫކޮށްލާތީ، އާއްމުންނަށް ގޯތި ދޫކުރުމުގެ ފުރުޞަތު އޮންނާނެތޯ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވިޔަފާރިއާއި އާމްދަނީ ހޯދޭނެ ގޮތެއް ނެތި ހަމައެކަނި ގޯތި ދިނުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ރައްޔިތުންނަށް ހަމައެކަނި ބޯހިޔާވަހިކަން ދިނުމަކުން ނުފުދޭ ކަމަށާއި، ދިރިއުޅޭނެ އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް ވެސް ފަހިވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއުޅެނީ ދިވެހިންނަށް ހައްޤުވާ މިންވަރަކީ ހަމައެކަނި ނިދަން އަރާ ތަނެއް ކަމަށް ދެކޭ ދެކުން ބަދަލުކުރަން. އެތަނަކުން ވަޒީފާ ލިބި އާމްދަނީ ލިބޭނެ ގޮތަށް އެތަން ތަރައްޤީކުރުމަށް އަޅުގަނޑުމެން މިއުޅޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލޭގެ މިސާލު ނަންގަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، 1997 ވަނަ އަހަރު ހުޅުމާލެ ހިއްކަން ފަށައި މީހުން ދިރިއުޅެން ފެށި ނަމަވެސް، 2018 ވަނަ އަހަރު ސިނަމާލެ ބްރިޖު އެޅުމާ ހަމައަށް އެ ތަން އޮތީ ނިދަން އަރާ ހާއްޔެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާރުވެސް ހުޅުމާލޭގެ ރަށްވެހިންގެ ތެރެއިން ގިނަ ބަޔަކު ވަޒީފާ އަދާކުރުމަށް މާލެއަށް ދަތުރުކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހުޅުމާލެ ހިއްކާ ބްރިޖް އެޅުމާ ހަމައަށް އެތަން އޮތީ ނިދަން އަރާ ހާއްޔެއްގެ ގޮތުގައި. މިއަދުވެސް 60,000 މީހުން އެބަ އާދޭ ބްރިޖް ހުރަސްކޮށް މާލެއަށް ވަޒީފާއަށް. ހުޅުމާލޭގައި އަދިވެސް ވަޒީފާއާއި އާމްދަނީ ހޯދޭނެ ގޮތެއް ނެތް،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގެ މާސްޓަރ ޕްލޭން ނިމުމާއެކު، އަންނަ އަހަރުގެ މެދުތެރޭގައި ރަސްމާލެއިން ގޯތި ދޫކުރަން ފެށޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ރަސްމާލޭގެ ދުރުރާސްތާ ތަޞައްވުރަކީ 20 އަހަރުގެ ތެރޭގައި 150,000 މީހުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު އެ ބިމުން ތަނަވަސްކޮށްދިނުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު