Tuesday, November 24
ހުއްޓިފައިވާ ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ޑިސެމްބަރުގައި ފަށާނެ: މިނިސްޓަރު މުއްޠަލިބް

ހުއްޓިފައިވާ ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ފަށައި، 2027 ވަނަ އަހަރުގެ ނިޔަލަށް މަޝްރޫއު ނިންމާލެވޭނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކުނަހަންދޫގެ މަޝްރޫއު ކުރިއަށް ނުގޮސް ހުއްޓިފައިވާތީ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގިނަ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުރީ ފެށުމަށްފަހު ހުއްޓިފައި ކަމަށާއި، އޭގެ ތެރޭގައި ފެނަކައާ ހަވާލުކޮށް، ފެނަކައިން އެހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓްކޮށް އެޑްވާންސް ފައިސާ ދޫކޮށްފައިވީ ނަމަވެސް، މަސައްކަތުގެ ވަރަށް ކުޑަ މިންވަރެއް ހިނގާފައިވާ މަޝްރޫއުތައް ހިމެނޭ ކަމަށެވެ. ކުނަހަންދޫގެ މަޝްރޫއު ވެސް އޮތީ އެ ހާލަތުގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"މި ސަރުކާރު ވެރިކަމަށް އައި އިރު އަޅުގަނޑު ދެންނެވި ގޮތަށް ވަރަށް ބައިވަރު ފެނާ ނަރުދަމާގެ މަޝްރޫއުތައް ފެށިހުއްޓިފަ ހުރި. އޭގެ ތެރޭގަ ފެނަކައާ ހަވާލު ކޮށްފަ ހުރި ފެނަކައިން އެހެން ފަރާތްތަކަށް ސަބްކޮންޓްރެކްޓް ކޮށްފަ އެޑްވާންސް ފައިސާ ވެސް ދޫކޮށް އެހެންނަމަވެސް މަސައްކަތުގެ ވަރަށް ކުޑަ ޕަސެންޓެއް ހިނގާފަ ހުރި މަޝްރޫއުތައް ވެސް ހުރި. އޭގެ ތެރެއިން ރަށެއް ކުނަހަންދޫ އަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކުރިން ހަވާލުކޮށްފައިވާ ކުންފުނިތަކާއެކު މަސައްކަތް ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބު ނުވުމުން އެ އެއްބަސްވުންތައް ބާތިލުކޮށް، މަޝްރޫއުތައް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކުރީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދައުލަތުގެ ބަޖެޓުން ހުރިހާ މަޝްރޫއަކަށް ސީދާ ޚަރަދުކުރުން ދަތިވާތީ، އާމްދަނީ ލިބޭ ކުންފުންޏެއް ކަމުގައިވާ އެމްޑަބްލިއުއެސްސީގެ ކޭޝްފްލޯގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ފައިސާ ހޯދުމުގައި އެމްޑަބްލިއުއެސްސީއަށް ދަތިތަކާ ކުރިމަތިވުމުން، ބައެއް ރަށްރަށުގައި އަމަލީ މަސައްކަތް ފެށުން ލަސްވި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިހާރު އެމްޑަބްލިއުއެސްސީން މަސައްކަތުގެ އައު ޝެޑިއުލެއް ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށާއި، އެ ޝެޑިއުލާ އެއްގޮތަށް މި ނޮވެމްބަރު މަހުން ފެށިގެން މަޝްރޫއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު