Tuesday, November 24
ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރާ އުޞޫލު ހަރުދަނާކުރަން ސަރުކާރުން އިޞްލާޙެއް ހުށަހަޅައިފި

ކައުންސިލްތަކަށް ހިލޭ އެހީގެ ފައިސާ ދޫކުރުމުގެ އުޞޫލު ހަރުދަނާކޮށް، މަހުން މަހަށް ފައިސާ ދޫކުރުމުގެ ކުރިން ވަކި ލިޔުންތަކެއް ހުށަހެޅުން ލާޒިމުކުރުމަށް، ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް ސަރުކާރުގެ ފަރާތުން އިޞްލާޙެއް ހުށަހަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަށް މި އިޞްލާޙު ހުށަހަޅުއްވާފައިވަނީ ވިލިނގިލި ދާއިރާގެ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒެވެ.

އިޞްލާޙުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހިނގަމުންދާ މަހެއްގެ ހިލޭ އެހީގެ ފައިސާ ކައުންސިލަކަށް ދޫކުރާނީ ފާއިތުވި މަހުގެ ޚަރަދާއި އާމްދަނީގެ ރިޕޯޓުތަކާއި، ކައުންސިލްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓުތައް ހުށަހެޅުމުންނެވެ.

އެއާއެކު، ކައުންސިލުން އެކި ފަރާތްތަކަށް ދައްކަންޖެހި އަދި ނުދައްކާ ހުރި ފައިސާއާއި، ކައުންސިލަށް ލިބެންޖެހި އަދި ނުލިބި ހުރި ފައިސާގެ އަދާހަމަ ސްޓޭޓްމަންޓާއި، ޤާނޫނުގެ ދަށުން ބަޔާންކުރާ އެހެނިހެން ލިޔުންތައް ވެސް ހުށަހަޅަންޖެހޭނެއެވެ.

ކައުންސިލަކުން އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ދައްކާފައި ނުވާނަމަ، ހިލޭ އެހީގެ ގޮތުގައި ދޫކުރާނީ އެ ޓެކުހުގެ ފައިސާ އުނިކުރުމަށްފަހު ބާކީވާ ޢަދަދު ކަމަށް ވެސް އިޞްލާޙުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާ ފައިސާ ދޫކުރާނީ، އެ އަހަރުގެ ތެރޭގައި ދައުލަތުގެ ކޭޝްފްލޯއަށް ބަލައިގެން ކަމަށް އިޞްލާޙުގައި ބުނެފައިވެއެވެ.

ކައުންސިލްތަކަށް ލިބޭ ހިލޭ އެހީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށް ޙިއްސާކުރަންޖެހޭ މިންވަރު %5 އިން %10 އަށް އިތުރުކުރުމާއި، ކައުންސިލްތަކުގެ ބަޖެޓް ތަންފީޒުކުރުމުގައި ރިކަރަންޓް ޚަރަދު ހިފަހައްޓަންޖެހޭ މިންގަނޑުތަކެއް ޤާނޫނުގައި ކަނޑައެޅުން ވެސް މި ބިލުގެ ބޭނުމުގައި ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު