ސަރުކާރުން ތަޢާރަފުކުރި އައު ސިޔާސަތުތަކާއި ފައިނޭންސިންގ މޮޑެލްތަކުގެ ތެރެއިން، ބޯހިޔާވަހިކަމަށް ދައުލަތުގެ ބަޖެޓުގައި ކަނޑައެޅި އެއް ބިލިއަން ރުފިޔާއަށްވުރެ މާ ބޮޑު މިންވަރެއް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިރު، އެ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސީދާ ބަޖެޓުން ބޮޑެތި ޚަރަދުތަކެއް ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދިނީ، މާލީ އިދާރާތަކާ ގުޅިގެން ރައްޔިތުންނަށް ފައިދާވާނެ ދެމެހެއްޓެނިވި ގޮތްތައް ހޯދުމަށް ކަމަށެވެ.
އެގޮތުން ހިޔާވެހި ފައިނޭންސިންގ ސްކީމުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) މެދުވެރިކޮށް އެކަނިވެސް 1.1 ބިލިއަން ރުފިޔާގެ ލޯނު މިހާރު އެޕްރޫވްކޮށްދެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މި ސްކީމުގައި ދައުލަތުން ޚަރަދުކުރަނީ މުޅި ލޯނުގެ އަދަދަށް ނޫން ކަމަށާއި، ދައުލަތުގެ ބަޖެޓުން ޚަރަދުކުރަނީ އިންޓްރެސްޓް ރޭޓް ސަބްސިޑައިޒްކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މި ސަރުކާރުން ސީދާ ބަޖެޓުން ޚަރަދުނުކުރި ކަމުގައި ވީ ނަމަވެސް މިހާރު އެ ކުރިއަށް ގެންދާ ލޯނު ސްކީމްތަކާއި ކުރިއަށް ގެންދާ ހައުސިންގ މަޝްރޫޢުތަކުން އެއަށްވުރެ މާ ބޮޑެތި އަދަދުތަކުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު މި ދަނީ ހޯދައިދެވިފައި. އެހެންވީމާ އަޅުގަނޑުމެން ބަލަނީ ދައުލަތުގެ ބަޖެޓު ޚަރަދުކުރުމަށްވުރެ ކްރިއޭޓިވް އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ގަވާއިދަށް ގެނައި އިޞްލާޙާއެކު، ބޭންކުތަކުން ދޫކުރާ ފައިސާގެ ވަކި މިންވަރެއް ފަސް އިންސައްތަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ޚާއްޞަކުރަން ޖެހޭތީ، އެ ފުރުޞަތުގެ ބޭނުންހިފައިގެން ބީ.އެމް.އެލްއިން 4،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ރައްޔިތުންނަށް ފަސޭހައިން ގެދޮރުވެރިކަން ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.






