ވަގަށް ނަގާ ފައިސާ ދައުރުކުރުމަށާއި ނަގުދު ފައިސާއަށް ބަދަލުކުރުމަށްޓަކައި ސްކޭމަރުން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ، އެކަމާމެދު ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ، ސްކޭމަރުން އަމާޒުކުރަނީ ރައިޑް-ހެއިލިންގ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް ކަމަށެވެ. އެގޮތުން، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދަށް ނަގައި ހަވާލުކޮށްދީފިނަމަ، ބަދަލެއްގެ ގޮތުން އިތުރު ފައިސާ ނުވަތަ ޓިޕްސް ދޭނެ ކަމަށް ހުށަހަޅަމުންދާ ކަމަށެވެ.
ސްކޭމަރުން ފުރަތަމަ ކުރަނީ، އެޕްލިކޭޝަނެއް މެދުވެރިކޮށް ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއް ހުށަހެޅުމެވެ. ޑްރައިވަރު ނުވަތަ ޑެލިވަރީ ކުރާ ފަރާތުން އެ އޯޑަރު ގަބޫލުކުރުމުން، ގިނަ ފަހަރު އެޕްލިކޭޝަނުގެ ރަސްމީ ޗެނަލްތަކުން ބޭރުން ސްކޭމަރު ސީދާ ގުޅައި ވާހަކަ ދައްކައެވެ. ދެން، ޑްރައިވަރުގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުވައި، އެ ފައިސާ ނަގުދަށް ނަގައި ވަކި މީހަކަށް ނުވަތަ ވަކި ތަނަކަށް ހަވާލުކުރުމަށް އެދެއެވެ. އެކަމަށް ޑްރައިވަރު އެއްބަސްކުރުވުމަށްޓަކައި، ދަތުރުގެ ނުވަތަ ޑެލިވަރީގެ އަސްލު އަގަށްވުރެ އިތުރަށް ޓިޕްސް ދޭނެ ކަމަށް ސްކޭމަރުން ހުށަހަޅައެވެ.
ނަމަވެސް، އެ އެކައުންޓްތަކަށް ޖަމާކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ހޯދާފައިވާ ފައިސާ ކަމަށް ފުލުހުން ބުނެއެވެ. އެ ފައިސާ ނަގައި އެހެން ފަރާތަކަށް ހަވާލުކުރުމުން، ޑްރައިވަރުންނަށް ނޭނގި ނަމަވެސް، ކުށްވެރިންނަށް ވަގަށް ނެގި ފައިސާ ދައުރުކޮށް، އެ ގޮތް ފޮރުވުމަށް އެހީތެރިވެދެވޭ ކަމަށް ފުލުހުން ބުނެއްޖެއެވެ.
ގާނޫނާ ހިލާފަށް ހޯދާފައިވާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް، އެނގިގެން ނުވަތަ ނޭނގި ނަމަވެސް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ. އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށަކުން ހޯދާފައިވާ ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން އެކައުންޓުގެ ވެރިފަރާތަށް ކުރިމަތިލަން ޖެހިދާނެ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
ނުދަންނަ މީހުންގެ ނުވަތަ ކަސްޓަމަރުންގެ ފައިސާ ޓްރާންސްފަރ ކުރުމަށް ނުވަތަ ނަގުދަށް ނަގައިދިނުމަށް އަމިއްލަ އެކައުންޓް އެއްވެސް ހާލެއްގައި ބޭނުންކުރަން ނުދިނުމަށް ފުލުހުން އިރުޝާދު ދެއްވައިފިއެވެ. އަދި ބޮޑު ޓިޕްސްއެއް ދޭނެ ކަމަށް ބުނިޔަސް، ދަތުރުގެ ނުވަތަ ޚިދުމަތުގެ ސައްހަ އަގު ނޫން ފައިސާއެއް ބަލައިނުގަތުމަށް ވެސް ފުލުހުން އެދިފައިވެއެވެ.






