ރަށްރަށުން އެސްޓީއޯގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ ފިއުލް ސްކިޑް މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަފުޅުދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤު އަޙްމަދު ވިދާޅުވީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 34 ރަށެއްގައި މި މަޝްރޫޢު ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި 19 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރާއިރު، އޭގެ ތެރެއިން 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވި ގޮތުގައި، މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް 10 ސްޓޭޝަނެއްގައި ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރާނެ ކަމަށާއި، އަމާޒަކީ 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމުން ކަމަށް ވިދާޅުވިއެވެ.
ފިއުލް ސްޓޭޝަން ޤާއިމުކުރަން ދަތި ރަށްރަށުގައި މި މަޝްރޫޢު ކުރިއަށްގެންދަނީ މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ "ފިއުލް ސްކިޑް" ބަހައްޓައިގެންނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ތެލުގެ ވިޔަފާރި ކުރަނީ އަމިއްލަ ފަރާތްތަކުން ކަމުން، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހޭ ޝަކުވާއަށް ހައްލެއް ހޯދުމަށް، ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ފިއުލް ސްކިޑް ހެދުމުގެ މަޝްރޫޢު ރަސްމީކޮށް ފެށީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. މީގެ ފުރަތަމަ ފިއުލް ސްކިޑް ވަނީ 2025 ވަނަ އަހަރު ރ. ދުވާފަރުގައި ޤާއިމުކޮށްފައެވެ.
މި މަޝްރޫޢު ފުރިހަމަވުމުން، މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ހޭދަ ކުޑަވެގެންދާނެ ކަމަށާއި، ސިނާޢީ މަސައްކަތްތައް ކުރާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި ފަސޭހައިން ތެޔޮ ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.






