ޢާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި، އެ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ "ނޭޝަނަލް ވާރކްޝޮޕް އޮން އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" މިއަދު މާލޭގައި ފަށައިފިއެވެ.
މީރުމާ އިވެންޓްސް ހޯލުގައި ބޭއްވުނު މި މަސައްކަތު ބައްދަލުވުމުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ މިނިސްޓަރު ޤީލާ ޢަލީއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންނާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބާއި ޗައިނާ އެމްބަސީގެ މަންދޫބު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ބައްދަލުވުން ހިންގަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން، ޑަބްލިއު.އެޗް.އޯ ގެ ފަންނީ އެހީތެރިކަމާއެކުއެވެ. އަދި މި ހަރަކާތް ކުރިއަށްގެންދަނީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކުއެވެ. ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން މި ބައްދަލުވުމުގައި ބައިވެރިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޑަބްލިއު.އެޗް.އޯ އިން ކަނޑައަޅާފައިވާ ޢާންމު ޞިއްޙަތުގެ 12 އަސާސީ ޚިދުމަތް ރާއްޖޭގެ ޙާލަތާ ގުޅުވައި ކަނޑައަޅައި، އެ ޚިދުމަތްތައް ދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތުމެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފަދަ ތަޢުލީމީ މަރުކަޒުތައް ގުޅިގެން ޤައުމީ ސެލްފް-އެސެސްމަންޓެއް ހަދައި، ޚިދުމަތްތަކުގައި ހުރި ދަތިތަކާއި ފުރުޞަތުތައް ދެނެގަތުން ވެސް މި ބައްދަލުވުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ބައްދަލުވުމުގައި ސަރވެއިލަންސް، ކުއްލި ޙާލަތްތައް ބެލެހެއްޓުން، މަސައްކަތްތެރިން ބިނާކުރުން، ޕްރައިމަރީ ހެލްތު ކެއަރ އަދި ދިރާސާކުރުން ހިމެނޭ ގޮތަށް ޢާންމު ޞިއްޙަތުގެ 12 ދާއިރާއަކަށް އަލިއަޅުވާލާނެއެވެ.
މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން "ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027-2031" އާއި ގުޅުންހުރި އެހެނިހެން ޤައުމީ ޕްލޭންތައް އެކުލަވާލެވޭނެއެވެ.
މި ޕްރޮގްރާމްގެ ދަށުން 2026 ވަނަ އަހަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހޮވާލެވުނު ހަތަރު ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.






