ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން، އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދިކަން ހާސިލުކުރުމުގެ ފުރުސަތު އޮތް ހަމައެކަނި ޤައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބޭންކުގެ އައު ރިޕޯޓެއްގައި ބުނެފިއެވެ.
ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑިމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ" ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ ގިނަ ޤައުމުތައް މުސްކުޅިވަނީ މުއްސަނދިވުމުގެ ކުރިންނެވެ. އޭގެ މާނައަކީ، ދުނިޔޭގެ އެހެން ތަރައްގީވަމުން އަންނަ ޤައުމުތައް މިފަދަ އާބާދީގެ ބަދަލަކާ ކުރިމަތިލި އިރު ހުރި އާމްދަނީގެ ފެންވަރަށްވުރެ ދަށް ފެންވަރެއްގައި، ދެކުނު އޭޝިއާގެ ޤައުމުތަކުން މި މަރުހަލާ ނިންމާލަން ޖެހުމެވެ.
ނަމަވެސް، މި ރިޕޯޓުގައި ރާއްޖެ ވަކިން ފާހަގަކޮށްފައިވެއެވެ. ރިޕޯޓުގައިވާ ގޮތުން، އެހެން ތަރައްގީވަމުން އަންނަ ޤައުމުތަކަށްވުރެ ރަނގަޅު އާމްދަނީގެ ފެންވަރެއްގައި މުސްކުޅި އާބާދީއަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ހަމައެކަނި ދެކުނު އޭޝިއާގެ ޤައުމަކީ ރާއްޖެއެވެ.
ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާގެ އެވްރެޖް ޤައުމެއް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާއިރު، ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގައެވެ. ތަރައްގީވަމުން އަންނަ އެހެން ޤައުމުތަކުގައި މިކަމަށް އެވްރެޖްކޮށް 32 އަހަރު ނަގާއިރު، ކުރިއަރާފައިވާ ޤައުމުތަކުގައި 46 އަހަރު ނަގާފައިވެއެވެ.
2013 އިން 2023 އަށް އިގްތިސާދު ކުރިއެރި ނިސްބަތުގައި ހިފެހެއްޓިއްޖެނަމަ، 2044 ވަނަ އަހަރު ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
މިއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއެއް ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އާބާދީ މުސްކުޅިވުމާ ގުޅިގެން ކުރިމަތިވާ ހަރަދުތައް ބެލެހެއްޓުމުގެ ގާބިލުކަން އަވަށްޓެރި ޤައުމުތަކަށްވުރެ ރާއްޖެއަށް ބޮޑުވާނެ ކަމަށާއި، މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދިނުމާއި، ދިގުމުއްދަތަށް ބަލަހައްޓަންޖެހޭ ބަލިތަކަށް ފަރުވާދިނުމާއި، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ހަރަދުތައް ހިމެނޭ ކަމަށް ރިޕޯޓުގައިވެއެވެ.
ނަމަވެސް، 2044 ވަނަ އަހަރުގެ ކުރިން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި އިސްލާހުތަކެއް ނުގެނެސްފިނަމަ، ރާއްޖެއަށް އޮތް މި ހަނި ފުރުސަތު ގެއްލިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އިންޒާރުދީފައެވެ. ހާއްސަކޮށް ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާބާދީ މުސްކުޅިވުމުން ސިއްހީ ހިދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް އިތުރުވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ބޫޓާން ފިޔަވައި ދެކުނު އޭޝިއާގެ ހުރިހާ ޤައުމެއްގައި ވެސް، ޕެންޝަން ސްކީމަކަށް ފައިސާ ނުދައްކާ ދުވަސްވީ މީހުންނަށް ޓެކުހުން ހަރަދުކުރާ އަސާސީ ޕެންޝަނެއް ދެމުން އަންނަކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގައި މިކަން ތަންފީޒުކުރެވެމުން ދަނީ "އޯލްޑް އޭޖް ބޭސިކް ޕެންޝަން" ގެ ނަމުގައެވެ. ރާއްޖެ ފަދަ ޤައުމުތަކަށް މިހާރު އޮތް އެންމެ މުހިންމު މަސައްކަތަކީ، ޤައުމުގެ އިގްތިސާދީ ހާލަތާ އެކަށޭނަ ގޮތެއްގައި ޕެންޝަން ލިބޭ މިންގަނޑުތަކާއި، އިނާޔަތްތަކުގެ މިންވަރާއި، އެކަމަށް ހިނގާ ހަރަދުތައް އަލުން ބައްޓަންކުރުން ކަމަށް ރިޕޯޓުގައިވެއެވެ.
ދެކުނު އޭޝިއާގައި އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެއްވެސް ބާވަތެއްގެ ޕެންޝަނެއް ލިބެނީ އެންމެ 10 އިންސައްތަ މީހުންނަށް ކަމަށާއި، މަސައްކަތްކުރާ އުމުރުގެ މީހުންގެ ތެރެއިން ސަރުކާރުން ކަނޑައަޅާފައިވާ ޕެންޝަން ސްކީމަކަށް ފައިސާ ޖަމާކުރަނީ އެންމެ 17 އިންސައްތަ މީހުން ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.






