Monday, November 23
ކުރިއަށް އޮތް ރޯދަމަހު މަސްދަޅު ކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ ކަނޑައަޅައިފި

ކުރިއަށް އޮތް ރޯދަމަހު ރައްޔިތުންނަށް މަސްދަޅު ކޭސް ބެހުމަށް ދައުލަތުގެ ބަޖެޓުން 86.8 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ރޯދަމަހު މަސްދަޅު ކޭސް ބެހުމަށް 81 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ބަޖެޓް ފޮތުގައިވާ މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު، މި ޚަރަދު ކުރިއަށް އޮތް އަހަރުތަކުގައިވެސް އިތުރުވާނެއެވެ. އެގޮތުން 2028 ވަނަ އަހަރު މަސްދަޅު ބެހުމަށް 90.9 މިލިއަން ރުފިޔާ އަދި ޖެހިގެން އަންނަ އަހަރު 95.2 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ރޯދަމަހު ރާއްޖޭގެ 111,000 އަށް ވުރެ ގިނަ ގޭބިސީއަކަށް މަސްދަޅު ކޭސް ވަނީ ބަހާފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގެ 40,000 އަށް ވުރެ ގިނަ ގޭބިސީއާއި، އަތޮޅުތަކުގެ 70,000 އަށް ވުރެ ގިނަ ގޭބިސީ ހިމެނެއެވެ.

ނިމިދިޔަ ރޯދަމަހަށް ޚާއްޞަކޮށް ސަރުކާރުން ދިން މަސްދަޅު ކޭސްތައް ބަހަން ފެށީ ޖަނަވަރީ މަހުގެ 24 ގައެވެ. އެ ކޭސްތައް ދޫކޮށްފައިވަނީ މިފްކޯގެ އައުޓްލެޓްތަކާއި، މަސްދަޅު ބެހުމަށް ޚާއްޞަކޮށް ކަނޑައެޅި މަރުކަޒުތައް މެދުވެރިކޮށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު