Monday, November 23
3.5 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެއަށް 3.5 ކިލޯގްރާމަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، ނިލަމެހިގެ، އިސްމާއިލް ނަސީރު (45އ) އާއި ނ. މަނަދޫ، ވެށި، މުޙައްމަދު ޒިޔާދު (28އ) އެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި، މި ތަކެތި ރާއްޖެއަށް އެތެރެކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ސިންގަޕޯ އެއާލައިންސްގެ ފްލައިޓަކުން ގެނައި ތިން ދާގިނާއެއްގެ ތެރޭގައި ފޮރުވައިގެންނެވެ. ކޮންމެ ދާގިނާއަކުން ހަތަރު ޕެކެޓް ހިމެނޭ ގޮތަށް ޖުމުލަ 12 ޕެކެޓް ފެނިފައިވާއިރު، ފުރަތަމަ މަރުޙަލާގެ ތަހުލީލުތަކުން އެ ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެ، ޖުމުލަ ބަރުދަނުގައި 3.51 ކިލޯގްރާމް ހުރި ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ފުލުސް އޮފިސަރެއްގެ ބަޔާނުގައިވާ ގޮތުގައި، ދެ މީހުން ސައިކަލެއްގައި އައިސް، އިސްމާއިލް ނަސީރު އެއް ދާގިނާ ހިފައިގެން ދަނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވާފައެވެ. އެ ވަގުތު ދުރުގައި ބަލަން ހުރި ޒިޔާދު ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ދާގިނާތަކާ ބެހޭގޮތުން ސުވާލުކުރުމުން، އެއީ ޒިޔާދު ބުނެގެން ހަވާލުވި އެއްޗެއް ކަމަށާއި، ގެސްޓްހައުސެއްގެ 302 ނަމްބަރު ކޮޓަރިއަށް އެ ތަކެތި ގެންގޮސްދިނުމުން ފައިސާ ދޭނެ ކަމަށް ޒިޔާދު ބުނި ކަމަށް އިސްމާއިލް ނަސީރު ވަނީ ބުނެފައެވެ. ޒިޔާދު ބަލައި ފާސްކުރިއިރު، ހ. ރެސްޓައިން ގޭގެ 302 ނަމްބަރު ކޮޓަރީގެ ޓެގް ޖެހި ތަޅުދަނޑިއެއް އޭނާގެ ޖީބުން ފެނިފައިވެއެވެ.

ކޯޓުގައި ވާހަކަދައްކަމުން ދެ މީހުން ވެސް ވަނީ އެ ތަކެއްޗާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ. ޒިޔާދު ބުނީ، އިސްމާއިލް ނަސީރު އެދުމުން އޭނާ އެތަނަށް ދިޔައީ ސައިކަލުގައި ގެންގޮސްދިނުމަށް ކަމަށާއި، ފޮށިގަނޑުގައި ހުރީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށެވެ. އަދި އޭނާއަކީ ފަރުވާގެ ޕްރޮގްރާމެއް ފުރިހަމަކުރަމުންދާ މީހެއް ކަމަށް ވެސް ޒިޔާދު ބުނެފައިވެއެވެ. އިސްމާއިލް ނަސީރު ބުނީ، އޭނާ އެކަން ކުރީ މީހަކު ފައިސާ ދޭނެ ކަމަށް ބުނުމުން ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ދެ މީހުންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، ދެ މީހުންގެ ވެސް ކުށުގެ ރެކޯޑު އޮވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު