Monday, November 23
މަސްވެރިކަމާއި އެކުއަކަލްޗަރގެ 20 އަހަރުގެ މާސްޓަރ ޕްލޭން ހިއްސާދާރުންނާއެކު މުރާޖަޢާކޮށްފި

މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާ ކުރިއަށް އޮތް 20 އަހަރަށް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ "ފިޝަރީޒް އެންޑް އެކުއަކަލްޗަރ މާސްޓަރ ޕްލޭން 2026–2045" ކަމާ ގުޅޭ ފަރާތްތަކާއެކު މުރާޖަޢާކުރުމަށް ބޭއްވި ވެލިޑޭޝަން މަސައްކަތު ބައްދަލުވުން ނިންމާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެންނެވެ. ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މަސްވެރިކަމާއި ފަޅުފަޅުގައި ދިރުންތައް އާލާކުރުމުގެ ދާއިރާ ދިގު މުއްދަތަކަށް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ކަންކަމާއި ހުށަހެޅިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން ހިއްސާދާރުންނާއެކު މަޝްވަރާކޮށް، އެ ޕްލޭން ބަލައިގަތުމެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލީ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާފައިވާ އޮނިގަނޑު މުރާޖަޢާކުރުމަށެވެ. އޭގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމާއި، ސިނާޢަތް އިތުރަށް ވަރުގަދަކުރުމާއި، ކަނޑުގެ ވަސީލަތްތައް ދިގު މުއްދަތަކަށް ހިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވެއެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރު އަންތު ޝަމްސުއްދީން، "ރެޒިލިއަންޓް މޯލްޑިވްސް 2045" ތަޞައްވުރާ އެއްގޮތަށް މުސްތަޤްބަލުގެ ސިޔާސަތުތަކާއި، އިންވެސްޓްމަންޓްތަކާއި، ތަރައްޤީގެ މަޝްރޫޢުތައް ބައްޓަންކުރުމުގައި މި މާސްޓަރ ޕްލޭނުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އަދި އަންނަން އޮތް ޖީލުތަކަށްޓަކައި ކަނޑުގެ ވަސީލަތްތައް ހިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއެކު، ވާދަވެރި އަދި ސިންދަފާތު ކުރެވިފައިވާ މަސްވެރިކަމާއި އެކުއަކަލްޗަރ ދާއިރާއެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި މާސްޓަރ ޕްލޭނަކީ މަސްވެރިކަމާއި އެކުއަކަލްޗަރ ވަރުގަދަކޮށް، އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ، ޤައުމީ ތަރައްޤީގައި މި ދާއިރާގެ ދައުރު ފުޅާކުރުމަށް ދުރުރާސްތާގެ ސްޓްރެޓީޖިކް މިސްރާބެއް ދައްކައިދޭނެ ޕްލޭނެކެވެ.

ވުޒާރާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމަކީ ރާއްޖޭގެ މަސްވެރިކަމާއި އެކުއަކަލްޗަރގެ މުސްތަޤްބަލު ބައްޓަންކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. ދިވެހިންގެ ދިރިއުޅުމަށާއި، ކާނާގެ ރައްކާތެރިކަމަށާއި، އިޤްތިޞާދީ ކުރިއެރުމަށާއި ޤައުމީ ތަނަވަސްކަމަށް މަސްވެރިކަމުގެ ދާއިރާއިން އަދާކުރާ މުހިންމު ދައުރު ކުރިއަށް އޮތްތަނުގައި ވެސް ދެމިއޮންނާނެ ކަމަށް ވެސް ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު