އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކުރިމަތީގައި ހަދަމުންދާ އިމާރާތަކުން ބައެއް ވެއްޓި، ބައެއް މީހުންނަށް އަނިޔާވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަނދުފަހަރަށް ގެއްލުންވެއްޖެއެވެ.
ފުލުހުން ބުނީ، އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ބިއްގަނޑު ވެއްޓިފައިވާ ކަމުގެ މަޢުލޫމާތު މިއަދު 17:06 ހާއިރު ލިބުނު ކަމަށެވެ.
މި ހާދިސާގައި ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އަނިޔާ ލިބުނީ ކިތައް މީހުންނަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން، މީހަކަށް އަނިޔާވެގެން ބިންމަތީގައި އޮތް މަންޒަރާއި، އެ ސަރަހައްދުގައި ހުރި ސައިކަލުތަކެއްގެ މައްޗަށް ޓިނުގަނޑު ވެއްޓިފައިވާ މަންޒަރު ފެނެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.






