Monday, November 23
ބެއިޖިންގްގައި ކުރިއަށްދާ ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސްގައި ރާއްޖެ ބައިވެރިވެއްޖެ

ޗައިނާގެ ބެއިޖިންގްގައި މިހާރު ކުރިއަށްދާ "ގްލޯބަލް ޗިލްޑްރަންސް އެންވަޔަރަންމަންޓަލް ހެލްތު ކޮންފަރެންސް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު އަޙްމަދު ނާޞިރު ކަމަށެވެ.

ޔުނިސެފާއި އެ ޖަމްޢިއްޔާގެ ބައިވެރިން ގުޅިގެން އިންތިޒާމުކޮށްފައިވާ މި ކޮންފަރެންސް ބާއްވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ވައިގެ ތަޣައްޔަރުވުމާއި ފެން ތަޣައްޔަރުވުން ފަދަ ތިމާވެށީގެ ނުރައްކާތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ޤާނޫނުތަކާއި ސިޔާސަތުތައް ހަރުދަނާކޮށް، ތަންފީޛީ ފިޔަވަޅުތައް ވަރުގަދަކުރުމަށް މަޝްވަރާކުރުމަށެވެ. ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި ސިޔާސަތު އެކުލަވައިލާ ފަރާތްތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ، ޚިޔާލާއި ތަޖުރިބާ ދަނީ ޙިއްޞާކުރަމުންނެވެ.

ވުޒާރާއިން ބުނި ގޮތުގައި، ޤައުމީ ފެންވަރުގައި އެކުލަވައިލާ ސިޔާސަތުތަކުގެ ތެރެއަށް، ޚާއްޞަކޮށް ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން (އެން.އޭ.ޕީ) އާއި ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ގައި މޫސުމީ ވިލުންވެރިކަމާއި ޞިއްޙީ ކަންކަން އެކުލަވައިލުމުގައި ރާއްޖެއިން ކޮށްފައިވާ ތަޖުރިބާތައް ވެސް މި ބައްދަލުވުމުގައި ޙިއްޞާކުރަމުންދެއެވެ.

މި ކޮންފަރެންސްގެ ސަބަބުން ބައިނަލްއަޤްވާމީ ތަޖުރިބާތަކުން ރާއްޖެއަށް މަޢުލޫމާތު ލިބި، ތިމާވެއްޓާއި ޞިއްޙީ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ތިމާވެށީގެ ސަބަބުން ކުޑަކުދިންގެ ޞިއްޙަތަށް ކުރިމަތިވާ ނުރައްކާތަކަށް ޢަމަލީ ގޮތުން ޙައްލު ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު