ގއ. ކޫއްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ، އުމުރުން 37 އަހަރުގެ އެމްޑީ ހާރިސް މިއަރ ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ، ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް ފުޅާދާއިރާއެއްގައި ވިއްކާ ކަމަށް ލިބުނު މަޢުލޫމާތާ ގުޅިގެން، މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި ގއ. މާމެންދޫ ޕޮލިސް ގުޅިގެންނެވެ.
ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ކޫއްޑޫގައި އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 66 ގުރާމު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






