ލޮނުފެނުން މަސް ފިނިކުރާ ނިޒާމު (އާރްއެސްޑަބްލިއު) ހަރުކުރި ދޯނިފަހަރުގެ ހިންގުމުގެ ޚަރަދު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދަށް ކުޑަވެފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިން ބުނީ، މަސްވެރިކަމާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ ލޯނު ޕްރޮގްރާމުގެ ދަށުން، މިހާތަނަށް 40 އުޅަނދަކަށް 37.98 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މި ލޯނުގެ ދަށުން އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިސާގެ ލިމިޓް ވަނީ 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާރްއެސްޑަބްލިއު ނިޒާމުގެ އިތުރުން، އިންޖީނު އެޅުމާއި ބާޑް ރެއިޑަރ ހަރުކުރުން ފަދަ ކަންކަމަށް ވެސް މިހާރު ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
މި ލޯނުގެ 35 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފައިސާއެވެ. އެގޮތުން މިހާތަނަށް 13 ފަރާތަކުން ނިޒާމު ހަރުކޮށް ނިމިފައިވާއިރު، އިންސްޕެކްޝަން ނިމުނު ހަ އުޅަނދެއްގެ ލޯނުން 35 އިންސައްތަ ވަނީ އުނިކޮށްދީފައެވެ.
ސަރުކާރުގެ އަމާޒަކީ ޖުމްލަ 200 މަސްދޯނީގައި މި ނިޒާމު ހަރުކުރުމެވެ. މިކަމާ ބެހޭގޮތުން މަސްވެރިން ހޭލުންތެރިކުރުވުމަށް، މިހާތަނަށް 12 އަތޮޅެއްގެ 22 ރަށެއްގައި ސެޝަންތައް ވަނީ ބާއްވާފައެވެ.
މި ލޯނު ޕްރޮގްރާމު ހިންގަނީ، ރާއްޖޭގެ އެކި އަތޮޅުތަކުގައި ހުރި އައިސް ޕްލާންޓުތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބޭތީ، އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، ބާނާ މަސް ގިނަ ވަގުތު ތާޒާކަން މަތީ ދޯނީގައި ރައްކާކޮށް، ކަނޑުމަތީގައި ގިނަ ވަގުތު ހޭދަކުރެވޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.






