ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ އިމްތިޙާނުތައް އޮންލައިންކޮށް ނުހެދޭ ގޮތަށް ބާ ކައުންސިލުން ގެނައި ބަދަލުން، މިހާރު ކިޔަވަމުންދާ ދަރިވަރުން އިސްތިސްނާކޮށް، އެ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިޙާނު ހެދުމުގެ ފުރުޞަތު ދިނުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމައިފިއެވެ.
މި މައްސަލަ ދިރާސާކުރުމަށް ފަހު ކޮމިޓީގެ އިއްތިފާޤުން ނިންމާފައިވަނީ، އެ އާ އުޞޫލު ތަންފީޒުކުރާނީ ހަމައެކަނި އަލަށް ފަށާ ޕްރޮގްރާމްތަކުގެ ދަރިވަރުންގެ މައްޗަށް ކަމަށް ހަމަޖައްސައި، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކުރިން ވެސް އޮތް ގޮތަށް އޮންލައިންކޮށް އިމްތިޙާނު ހެދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ބާ ކައުންސިލަށް އެންގުމަށެވެ.
ޤާނޫނީ ތަޢުލީމުގެ މިންގަނޑުތަކަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިޞްލާޙުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިޙާނެއް ހަދަންޖެހޭނީ އިމްތިޙާނު ހަދާ މަރުކަޒަކަށް ހާޒިރުވެގެންނެވެ.
އެ ބަދަލާ ގުޅިގެން މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ދަރިވަރުން ފާހަގަކޮށްފައިވަނީ، އެ ކޯސްތަކުގައި އެމީހުން ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިޙާނު ހެދުމުގެ ފުރުޞަތު އޮތުމުން ކަމަށެވެ. އަދި ކޯހުގެ މެދުތެރެއިން އެފަދަ އަސާސީ ޝަރުޠެއް ބަދަލުކުރުމުން އިދާރީ ޤާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކަށް އުނިކަން އަންނާތީ، މިހާރު ކުރިއަށްދާ ޕްރޮގްރާމްތައް ނިމެންދެން އެ އުޞޫލު ތަންފީޒުކުރުން ފަސްކޮށްދިނުމަށް ދަރިވަރުން ވަނީ އެދިފައެވެ.
ނަމަވެސް، މާލެ އައުމަށް ދަތިވާ ދަރިވަރުންނަށް އެ ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް އިދާރާ މެދުވެރިކޮށް އިމްތިޙާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިޚްތިޔާރު މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް ލިބިގެންވާ ކަމަށް ބާ ކައުންސިލުން ކުރިން ވަނީ ބުނެފައެވެ.
ޤާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވަމުން ގެންދަވާ ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙު ހިމެނިވަޑައިގަންނަވާއިރު، މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.






