ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުވުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުން މަނާކުރުމަށް ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ.
މެމްބަރު މީކާއީލް ވިދާޅުވި ގޮތުގައި، މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމާއި، އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާނަމަ ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާއިން ވަކިކުރާނެ ކަމަށް ބިރުދެއްކުން ފަދަ ޢަމަލުތައް ހިންގަމުންދާތީއެވެ.
ސިޔާސީ ޕާޓީއަކަށް ވަނުމާއި ވަކިވުމާއި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ ޤާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށާއި، އެއީ މީހަކު އަމިއްލަ އިޚްތިޔާރުގައި ނިންމަންޖެހޭ ކަމެއް ކަމަށް ވެސް މީކާއީލް ފާހަގަކުރެއްވިއެވެ.
ބިލުގެ މަޤްސަދަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ޤާނޫނީ ކުށެއް ކަމުގައި ކަނޑައަޅައި، އެކަމަށް އަދަބު ކަނޑައެޅުމެވެ.
އެގޮތުން، ވަޒީފާއާ ބެހޭ ޤާނޫނަށް އިތުރުކުރަން ހުށަހަޅާފައިވާ މާއްދާގައި ބުނަނީ، ވަކި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް ނުވަތަ ޕާޓީއަކުން ވަކިވުމަށް، އަދި ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއް، ޖަލްސާއެއް ނުވަތަ އެހެން ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް މުވައްޒަފަކަށް އެންގުމަކީ މަނާކަމެއް ކަމަށެވެ. އެ މާއްދާއާ ޚިލާފުވުމަކީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ވެސް ބިލުގައި ހުށަހަޅާފައިވެއެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކަށް ނެރުމާއި، ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުމުން ވަޒީފާ ދިނުމުގެ ކަންބޮޑުވުން ކުރީގެ ސަރުކާރުތަކުގައި ވެސް އޮތް ކަމެކެވެ.






