މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހު ވެސް ދެމިހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ދިން މަޢުލޫމާތުގައި ބުނީ، މުޅި ރާއްޖެއަށް ދުންފުހުގެ އަސަރު ކުރަމުންދާއިރު، އެންމެ ބޮޑަށް އަސަރުކުރަމުންދަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަމަށެވެ. އެ ސަރަހައްދުތަކުގައި ދުރު ފެންނަ މިންވަރު ވަނީ ދެ ކިލޯމީޓަރަށް ދަށްވެފައެވެ.
ދުންފުހުގެ ސަބަބުން މުޅި ރާއްޖޭގައި ވައިގެ ފެންވަރު ދަށްވެފައިވާތީ، ބޭރުގައި އެކި ހަރަކާތްތަކުގައި ގިނަ ވަގުތު ހޭދަކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވައި ނުސާފުވެފައިވާތީ، ބޭރަށް ނުކުމެ އުޅޭއިރު މާސްކު ބޭނުންކުރުމަށް އެޗްޕީއޭއިން ވެސް ވަނީ އިރުޝާދު ދީފައެވެ.






