Monday, November 23
ނަފްސާނީ ފަރުވާއަށް ޚާއްޞަ ބޯޑެއް އުފައްދަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ނަފްސާނީ ބަލީގެ އެކި ހާލަތްތަކުގައި ދިރިއުޅޭ މީހުންނަށް ސިއްހީ ފަރުވާ ދިނުން ކުރިއަށް ގެންދިއުމަށް "މެންޓަލް ހެލްތު ރިވިއު ބޯޑު" ގެ ނަމުގައި ހާއްސަ ބޯޑެއް އުފައްދަން ޖެހޭ ގޮތަށް ނަފްސާނީ ސިއްހަތުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުޞްޠަފާ ޙުސައިނެވެ. 17 ބާބެއްގެ މައްޗަށް ފަރުމާކޮށްފައިވާ ބިލުގައި ނަފްސާނީ ފަރުވާ ދޭނެ ގޮތާއި، ފަރުވާ ހޯދާ މީހުންނާއި ހިދުމަތް ދޭ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުން ހިމެނެއެވެ.

ބިލުގައިވާ ގޮތުން، ގާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މިނިސްޓަރު އެ ބޯޑު އެކުލަވާލަން ޖެހެއެވެ. ފަރުވާއާ ގުޅޭ ހުށަހެޅުންތައް ބެލުމާއި ފަރުވާ ކުރިއަށް ގެންދިއުމަށް ހުއްދަ ދޭނީ އެ ބޯޑުންނެވެ.

ބޯޑު އެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ ސައިކައިޓްރިސްޓެއް، ސައިކޮލޮޖިސްޓެއް، ނަފްސާނީ ސިއްހަތުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާއެއްގެ މެމްބަރެއް، ސޯޝަލް ވޯކަރެއް އަދި އާންމުންގެ ތެރެއިން މީހެކެވެ. ބޯޑުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާނީ މިނިސްޓަރެވެ. މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.

ބޯޑަށް ހުށަހަޅާ މައްސަލަތަކާ މެދު 30 ދުވަހުގެ ތެރޭގައި ގޮތެއް ނިންމަން ޖެހެއެވެ. އަދި ބޯޑުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ބާރު ލިބޭނެއެވެ.

މީގެ އިތުރުން، ގާނޫނު ހުއްދަކުރާ ހާލަތްތަކުގައި ތަންފީޒީ އިދާރާތަކާއި ފަރުވާ ދޭ ފަރާތްތަކާ މަޢުލޫމާތު ހިއްސާކުރުން ފިޔަވައި، ބަލި މީހެއްގެ ޒާތީ މަޢުލޫމާތު އާންމުކޮށްފިނަމަ، ސިއްހީ ފަރުވާ ދޭ މަރުކަޒެއް ނުވަތަ ހިދުމަތް ދޭ މީހަކު 50،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ދެ އަހަރުގެ މުއްދަތަށް އެ ފަރާތެއްގެ ލައިސަންސް ހިފެހެއްޓުމުގެ ބާރު އެލައިޑް ހެލްތް ކައުންސިލަށް ލިބޭނެއެވެ.

ސަރުކާރުން މި ބިލު ހުށަހަޅާ މައިގަނޑު ބޭނުމަކީ، ރާއްޖޭގައި ފޯރުކޮށްދެވޭ ނަފްސާނީ ސިއްހަތުގެ ހިދުމަތްތަކާއި ފަރުވާ ވަށާޖެހޭ ނިޒާމެއްގެ ދަށުން މުޖުތަމަޢުގެ ބައިވެރިވުމާއެކު ދެވޭ ހިދުމަތަކަށް ހަދައި، ނަފްސާނީ ބައްޔާއެކު ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ހަރުދަނާ ގާނޫނީ ނިޒާމެއް ގާއިމުކުރުން ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު