ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓެއް ނެގުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ދިރާސާކުރުމަށް މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލްއެވެ. ގަރާރު މާލިއްޔަތު ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިޢުލާންކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވަމުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅާ ސުވާލުގެ ގޮތުގައި ގަރާރުގައި ބަޔާންކޮށްފައިވަނީ، "ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެއިން 500 ހެކްޓަރުގެ ބިމުގައި "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ"ގެ ނަމުގައި މަޝްރޫޢެއް ހިންގުމަށާއި، އެ ބިމުގައި ބިދޭސީންނަށް ވަޒަންވެރިވެ ތިބުމުގެ ހައްޤު ލިބޭގޮތަށް އެ ބިން 99 އަހަރުގެ މުއްދަތަށް އީގަލް ހިލްސް ކުންފުންޏަށް ދިނުމަށް ފެނޭ ހެއްޔެވެ؟" މިގޮތަށެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ފައިސާއިން ހިއްކާފައިވާ މިހާ ބޮޑު ބިމެއް ދިގު މުއްދަތަކަށް ބޭރުގެ ފަރާތްތަކަށް ވަޒަންވެރިވެ އުޅުމުގެ ފުރުޞަތު އޮންނަ ގޮތަށް ދޫކުރުމަކީ ދައުލަތުގެ ބިމާއި، ދައުލަތުގެ މާލިއްޔަތާއި، ޤައުމުގެ ދިގު މުއްދަތުގެ މަސްލަހަތަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށާއި، މި ކަމުގައި ޤާނޫނު ހެދުމަށް މަޖިލީހަށް ލާޒިމުވާތީ، ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.
ގަރާރުގައިވާ ގޮތުން، މަޖިލީހުން ގަރާރު ފާސްކުރާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓު ނަގަންޖެހޭނެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން، މަޖިލީހަށް ލިބިގެންވާ ޤާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް ފެންނަ ކަންކަމުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ނިންމިދާނެއެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެފަދަ ގަރާރެއް ހުށަހެޅުމުން ބަހުސްކުރުމަކާ ނުލައި ކޮމިޓީއަކަށް ފޮނުވަންވާނެއިރު، ކޮމިޓީން ގަރާރު ދިރާސާކޮށް 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެއެވެ.
މި މައްސަލައިގައި އަޑުއުފުލުމަށް، މި މަހުގެ 26 ވަނަ ދުވަހު ރޭ މުޒާހަރާކުރަން އެމްޑީޕީން ވަނީ ނިންމާފައެވެ.






