މަސްވެރިކަން ދަށްވުމާ ގުޅިގެން މިފްކޯގެ ފިހާރަތަކުން މަސްދަޅު ވިއްކުމުގައި ލިމިޓެއް ގެންގުޅޭ ނަމަވެސް، ބާޒާރުން މަސްދަޅު ހުސްނުވެ ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަޤީންކަން ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ދީފިއެވެ.
މިފްކޯގެ ސީނިއަރ މެނޭޖަރު، ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ ވިދާޅުވީ، މިދުވަސްވަރު މަސްދަޅު ވިއްކުމުގައި ލިމިޓެއް ގެންގުޅެނީ ވަކި ބަޔަކު އެއްފަހަރާ ގިނަ އަދަދަކަށް ގަތުމުގެ ބަދަލުގައި، ހުރިހާ ރައްޔިތުންނަށް ވެސް މަސްދަޅު ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
"ހުރިހާ ރައްޔިތުންނަށް މަސްދަޅު ލިބޭކަން ކަށަވަރު ކުރުމަށް، އަޅުގަނޑުމެން މި ލީ، ގަނޑުކޮށް ކޭސް ވިއްކުމަށް ކުޑަ ކޮންޓްރޯލެއް. އެ ކޮންޓްރޯލާއެކުވެސް މިހާރުވެސް ކޭސްވެސް ލިބޭނެ،" ޝިފްޒާ ވިދާޅުވިއެވެ.
ޝިފްޒާ ވިދާޅުވި ގޮތުގައި، މިދުވަސްވަރު މަސްވެރިކަން ދަށްވި ނަމަވެސް މިފްކޯއަށް މަސް ކިރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މިފްކޯގެ ފިހާރަތަކުން މަސްދަޅު ހުސްނުވެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.






