އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން 23 އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން އުފެއްދި ބަޖެޓް ކޮމިޓީން ވަނީ، ސަރުކާރުން ހުށަހެޅި ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ. އެ ކޮމިޓީން އެކުލަވާލި ރިޕޯޓު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައި، ރިޕޯޓަށް ބަހުސް ކުރަން ވަނީ ފަށާފައެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ބަޖެޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މެންބަރުން ހުށަހަޅުއްވާފައިވާ ކޮން އިސްލާހުތަކެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެއެވެ.
ބަޖެޓް ރިޕޯޓަށް ކުރާ ބަހުސް ނިމުމުން، މުޅި ބަޖެޓް ފާސްކުރުމަށް ވޯޓަށް އެހުމުގެ ކުރިން އިސްލާހުތައް ވަކިވަކިން ވޯޓަށް އަހާނެއެވެ. ބަހުސްގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ ފުރުޞަތު ދެއްވަން ވަނީ ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 59.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 52.6 ބިލިއަން ރުފިޔާ ޚަރަދުކުރަން ކަނޑައަޅާފައިވާއިރު، އެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދެވެ.
އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފައެވެ. މިއީ މި އަހަރަށްވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.






