ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ 31 ވަނަ ބައްދަލުވުން (ކޮޕް31) ނިމުމާ ގުޅިގެން، ބައްދަލުވުމުގެ އެކި މަރުޙަލާތަކުގައި ޤައުމުތަކުގެ މެދުގައި އިއްތިފާޤު ޤާއިމުކުރުމަށް ތުރުކީވިލާތާއި އޮސްޓްރޭލިއާއިން އަދާކުރި އިސް ދައުރަށާއި ކުރި މަސައްކަތްތަކަށް ދިވެހިރާއްޖެއިން ޝުކުރުއަދާކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، އެޖެންޑާގައި ހިމެނޭ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މުހިންމު ނިންމުންތަކެއް ނިންމުމަށްފަހު ކޮޕް31 ކާމިޔާބުކަމާއެކު ނިންމާލި ކަމަށެވެ.
ވުޒާރާއިން ބުނި ގޮތުގައި، މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށް ނިންމުންތައް ނިންމާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި، މޫސުމީ ކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން (ކްލައިމެޓް ފައިނޭންސް) ފޯރުކޮށްދިނުމާ ގުޅޭ ދާއިރާތަކުންނެވެ. މި ނިންމުންތަކަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބާރުއަޅައިދޭނެ ނިންމުންތަކެއް ކަމަށް ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، މި ފަހަރުގެ ސަމިޓުގައި އެއްބަސްވުމަކަށް ނާދެވި ހުރި މައްސަލަތައް ކުރިއަށް ގެންގޮސް، އެކަންކަމަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ކޮޕްގެ ރިޔާސަތަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް ދިވެހިރާއްޖެ އަބަދުވެސް ތައްޔާރަށް އޮތްކަން ވެސް ރާއްޖޭގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.
ކޮޕް31 ގެ ނިންމުންތަކާއެކު، މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔެއަށް ކުރިމަތިވަމުންދާ ނުރައްކާތަކުން ސަލާމަތްވުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.






