ދެހާސް އަށާވީހުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރިމަތިލެއްވީ، އެ މަނިކުފާނުގެ ތާއީދާއެކު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ، އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ފައިސަލްގެ ޓީމުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރޭ ބޭއްވި ބައްދަލުވުމަކަށް ފަހު، "ސަންގު" ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ފައިސަލާއި މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފައިސަލާއި އާޒިމް ޕްރައިމަރީގައި ވާދަކުރައްވަނީ ކުރިން އެ މަނިކުފާނާ މަޝްވަރާކުރައްވައިގެން ކަމަށް ވިދާޅުވެ، ރައީސް ސޯލިހު ވަރަށް ކުރުކޮށް ވިދާޅުވީ، "އަޅުގަނޑާ މަޝްވަރާކޮށްފައި ކުރިމަތިލައިގެން އެ ތިބީ. އަޅުގަނޑު ތާއީދުކޮށްގެން ކުރިމަތިލީ" ކަމަށެވެ.
ޕްރައިމަރީގައި ފައިސަލަށް ތާއީދުކުރައްވާކަން ރައީސް ސޯލިހު ފާޅުގައި ހާމަކުރައްވާފައިވަނީ މިއީ ފުރަތަމަ ފަހަރަށެވެ. ފައިސަލްގެ ޓީމުގެ ބައެއް އިސްބޭފުޅުން އެ ތާއީދު އޮތްކަން މީގެ ކުރިން ކަށަވަރުކޮށްދީފައި ވީނަމަވެސް، ރޭގެ ހަމައަށް އެކަމާ ބެހޭގޮތުން އެމަނިކުފާނު ހުންނެވީ ވަކި އެއްޗެއް ވިދާޅުނުވެއެވެ.
ޤައުމީ މަޖިލީހުގެ އިންތިޚާބުގައި "ޓީމް އެމްޑީޕީ"ގެ ނަމުގައި ފައިސަލާއި އާޒިމްގެ ތާއީދާއެކު ވާދަކުރާ 200 އެއްހާ ކެންޑިޑޭޓުންނަށް ވެސް ތާއީދުކުރާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރިޔާސީ ޕްރައިމަރީގައި ފައިސަލްގެ ރަނިންމޭޓެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ އާޒިމެވެ. ފައިސަލާއި އާޒިމް ވަނީ މިދިޔަ މަހުގެ 17ގައި ރައީސް ސޯލިހާ ބައްދަލުކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް އިޢުލާނުކުރައްވާފައިވަނީ ފައިސަލްގެ އިތުރުން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި، ޕާޓީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.






