Monday, November 23
ރޮހިންޔާ މައްސަލައިގައި ރާއްޖެއިން ހުށަހެޅި ނުކުތާތަކަށް އައިސީޖޭއިން ތާއީދުކޮށްފި

ރޮހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ގަތުލުއާންމުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ހުކުމުގައި، ދިވެހިރާއްޖެއިން ހުށަހެޅި މުހިންމު ޤާނޫނީ ނުކުތާތަކަށް އެ ކޯޓުން ތާއީދުކޮށްފި ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

ރޮހިންޔާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން ޢަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާނުކުރި ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް މަސައްކަތްކުރެއްވިއިރު، ރާއްޖެ ތަމްސީލުކުރެއްވީ ބެރިސްޓާ އަދި ޕްރޮފެސަރ އަމާލް ކްލޫނީ އާއި ބެރިސްޓާ އަދި ޕްރޮފެސަރ ފިލީޕާ ވެބް ކޭސީއެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކުރި ގޮތުގައި، ދައުލަތެއްގެ ސަރަހައްދުގައި ގަތުލުއާންމު ހިންގައިފި ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، އެކަން އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން އަދި ހެޔޮ ނިޔަތުގައި ތަހުގީގުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން ހިންގޭ ޝަރީޢަތްތަކުގައި އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އެންމެހައި ސިފަތައް ހުންނަންޖެހޭނެ ކަމަށާއި، ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، ކުރިމަގުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ވެސް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. އަދި މި ޖަރީމާ ހިންގާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށް، ހަރުކަށި އަދަބު ދެވޭނެ ފަދަ ޤާނޫނީ އޮނިގަނޑުތައް ޤައުމުތަކުން ޤާއިމުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ވެސް ހުކުމުގައި ރިޢާޔަތްކޮށްފައިވެއެވެ.

ހުކުމާ ގުޅިގެން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެގެން ދިއުމާ ދެކޮޅުހަދައި، ޝިކާރައަކަށްވި ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަގުފަހިކުރުމަށް ކަމަށެވެ. ދައުލަތުގެ މަތީ މަޤާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނޭހެން، މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް، ދައުވާކޮށް، އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައެޅުމަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލައަކީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ބުނެ، 11 ނޮވެމްބަރު 2019 ގައި ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޔާ ދަރިކޮޅުގެ 10،000 އެއްހާ މީހުން މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާކޮށް، ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު