އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އއ. ފެރިދޫ، ރޯޒްމީޑް، އާދަމް ނިމާލް އާއި އއ. ފެރިދޫ، ބިލަމަގުމާގެ، ޢަލީ ޢާމިރު ކަމަށެވެ.
މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ފެރިދޫ ޕޮލިހާއި ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައެވެ.
ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ޢާމިރު ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި ދެ ސެލޯފިން ކޮޅު ފެނިފައިވާ ކަމަށެވެ.
އަދި މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ނިމާލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވެސް ފެނިފައިވެއެވެ.
ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢާމިރު 30 ދުވަހަށާއި ނިމާލް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުޤީޤުކުރަމުންނެވެ.






