ޏ. ފުވައްމުލަކުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ފޯރުކޮށްދީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދިޔަ ގޭގެ ބައެއް 90 ދުވަހަށް ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، ބަންދުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، މާދޫގެ ގޭގައި އަޙްމަދު ރަޝީދު ދިރިއުޅޭ ބައި ކަމަށާއި، އެ ބައި ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ނޮވެމްބަރު 19 ވަނަ ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.






