އާދިއްތަ, November 22
އަމާން ޓަވަރުތަކުން ހުށަހެޅުނު 6،746 މައްސަލައަކަށް ދާއިމީ ހައްލު ހޯދައިދީފި

ހުޅުމާލޭގައި ހުރި "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ ތެރެއިން 6،746 މައްސަލައަކަށް ދާއިމީ ހައްލެއް ހޯދައިދީފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.

އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ދެ ޓަވަރުން ޖުމްލަ 7،749 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރެއިން 6،746 މައްސަލައަކަށް ހައްލު ހޯދައިދީފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ހުށަހެޅުނު ޖުމްލަ މައްސަލަތަކުގެ 87 އިންސައްތައެވެ.

މި މައްސަލަތައް ހުށަހަޅާފައިވަނީ އެފްޑީސީގެ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމާއި ފަހި ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށެވެ.

އެފްޑީސީން ހާމަކުރި ގޮތުގައި، ގިނައިން ހުށަހަޅާފައިވަނީ މެއިންޓެނަންސާ ގުޅުންހުރި ކަންކަމާއި ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތަކެވެ. މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމާއި ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ބެހޭގޮތުންވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ. އަދި ޓަވަރުތަކުގެ ޢާންމު ސަރަހައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ގިނަ ޚިޔާލުތަކެއްވެސް ލިބިފައިވެއެވެ.

ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ކޮންމެ ވަގުތެއްގައިވެސް ހިއްސާކުރެވޭނެ ގޮތަށް، 24 ގަޑިއިރު ޚިދުމަތްދޭނެ ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. އަދި ހައްލުނުކުރެވި ބާކީ ހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމުމަށް އެ ކޯޕަރޭޝަންގެ ފަންނީ ޓީމުތަކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ.

ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ކަށަވަރުވާނެ ފަދަ ވެއްޓެއް ޤާއިމުކޮށްދިނުމަކީ އެފްޑީސީގެ މައިގަނޑު މަޤްޞަދު ކަމަށާއި، ރައްޔިތުންގެ ފަރާތުން ލިބޭ ކޮންމެ ހުށަހެޅުމަކަށް އަވަސް އަދި ހަރުދަނާ ހައްލެއް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު