އާދިއްތަ, November 22
އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފި

ދިވެހިރާއްޖޭގައި ޤުރްއާނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް، އަދާލަތު ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

އުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އަދާލަތު ޕާޓީގެ ރަސްމީ އެކައުންޓްތަކުންނާއި ޕާޓީގެ އިސް ވެރިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޕާޓީގެ އިސްފަނޑިޔާރު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިމާވާ ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ދެނެތިބެ، އަދާލަތު ޕާޓީ އަބަދުވެސް ކުރިއަށް ދާނީ ސާބިތުކަމާއެކު ކަމަށެވެ.

އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސްއަކީ ގިރާއަތާއި ޝަރީޢާ އަދި އިސްލާމީ ތަޢުލީމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޤުރްއާން އެންޑް ސުންނާ ޑިޕާޓްމަންޓްގެ ސީނިއަރ ލެކްޗަރަރެއްގެ މަޤާމު ފުރުއްވަމުންނެވެ.

ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި މުޝްރިފް މުސާޢިދުގެ މަޤާމުގެ އިތުރުން، ޤުރްއާނާއި މެތޮޑޮލޮޖީ މުދައްރިސެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ މަސައްކަތްކުރައްވާފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ޕާޓް-ޓައިމް ލެކްޗަރަރެއްގެ ގޮތުގައިވެސް އެމަނިކުފާނު ޚިދުމަތްކުރައްވާފައިވެއެވެ.

މީގެ އިތުރުން، މަންހަޖު އެކުލަވައިލުމާއި އިވެލުއޭޓްކުރުމުގެ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރައްވައި، "ތަޖުވީދުލް މުޔައްސަރު" ރިފަރެންސް ފޮތާއި ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން ކޯހުގެ ތަމްރީނު މޮޑިއުލްތައް އެކުލަވައިލެއްވުމުގައިވެސް އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކީރިތި ޤުރްއާން އުގަންނައިދިނުމާއި މި ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، 2024 ސެޕްޓެމްބަރު 4 ވަނަ ދުވަހު ސަރުކާރުން ވަނީ ކީރިތި ޤުރްއާނާ ބެހޭ ފަންނުތަކުގެ ދާއިރާއިން އެމަނިކުފާނަށް ހިތްވަރުދިނުމުގެ ޤައުމީ އިނާމު އަރުވާފައެވެ.

އުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް ފަދަ ޢިލްމީ ގޮތުން ފުންނާބު ބޭފުޅަކު ޕާޓީއާ ގުޅިވަޑައިގަތުމަކީ، ޕާޓީގެ ޢިލްމީ އަދި ސިޔާސީ ހަރަކާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އަދާލަތު ޕާޓީން ސިފަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު