އާދިއްތަ, November 22
ރިއަލް އެސްޓޭޓް ބިލާ ގުޅޭ ގޮތުން ވުޒާރާތައް ކޮމިޓީއަށް ހާޒިރުކުރަނީ

ރިއަލް އެސްޓޭޓް ބިލާ ގުޅޭ ގޮތުން ސުވާލުކުރުމަށް ކަމާގުޅުންހުރި ވުޒާރާތަކާއި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމަށާއި، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް ވެސް ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާ ބެހޭ ކޮމިޓީން މިއަދު ނިންމައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމާފައި އޮތީ ބިލާ ގުޅުންހުރި މުއައްސަސާތަކުން ލިޔުމުން ޚިޔާލު ހޯދުމަށެވެ. އެ ދުވަހު ކަނޑައެޅި މުއައްސަސާތަކަކީ އިކޮނޮމިކް މިނިސްޓްރީ، ހައުސިންގ އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނެވެ.

ނަމަވެސް މިއަދު ބޭއްވި ބައްދަލުވުމުގައި ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހެޅުއްވީ، އެ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ބިލުގައި ހިމެނޭ މާއްދާތަކާ ގުޅޭ ގޮތުން މެންބަރުންގެ ސުވާލުތަކަށް ފަސޭހަކަމާއެކު ޖަވާބު ލިބޭނީ، އެ މުއައްސަސާތަކުގެ ބޭފުޅުން ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާކުރެއްވުމުން ކަމަށް ޢާޒިމް ވިދާޅުވިއެވެ. އެ ހުށަހެޅުން ވަނީ ކޮމިޓީން ފާސްކޮށްފައެވެ.

ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުގެ ޚިޔާލު ހޯދުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުޤައްރިރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްވީ، ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ.

އެ ހުށަހެޅުން އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު، ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ސަމީރެވެ. ނަމަވެސް އެ ދުވަހު އެއްވެސް މެންބަރަކު ތާއީދު ނުކުރެއްވުމުން ވޯޓަކަށް ނާހައެވެ. ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނީ މައިނޯރިޓީއަށް ވެސް އިޙްތިރާމްކޮށްގެން ކަމަށާއި، އެހެންކަމުން ސަމީރު ހުށަހެޅުއްވި ގޮތަށް ޚިޔާލު ހޯދަން ފެނިވަޑައިގަންނަވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޕާޓީތަކާއި ޖަމިއްޔާތަކުން ލިޔުމުން ޚިޔާލު ހުށަހެޅުމުގެ ބަދަލުގައި، އެދޭ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުވެ ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ދިނުމަށް ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ކޮމިޓީގެ ބަހުސްގައި ސަމީރު ވަނީ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައްވާފައެވެ. މި ބިލުގެ ސަބަބުން ހާސިލުވާނެ ލަނޑުދަނޑިތަކާއި، ޤައުމުގެ އިގްތިސާދީ އަދި އިޖުތިމާޢީ ހާލަތަށް ކުރާނެ ފައިދާއާ މެދު ސުވާލު އުފެދޭ ކަމަށް ސަމީރު ވިދާޅުވިއެވެ.

ރިއަލް އެސްޓޭޓް ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހެވެ. ބިލާ ގުޅޭ ގޮތުން އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ޑިސެމްބަރު 2 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލަކީ، އެކުވެރި ޢަރަބި އިމާރާތުގެ އީގަލް ހިލްސްއަށް ދީގެން ރަސްމާލޭގައި ކުރިއަށް ގެންދަން އެއްބަސްވެފައިވާ މަޝްރޫޢާއި އެފަދަ މަޝްރޫޢުތަކާ ގުޅުންހުރި ބިލެކެވެ. ބިލުގައިވާ ގޮތުން ރަސްމާލޭން ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ޤާނޫނު ހިނގާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު