އާދިއްތަ, November 22
ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ހައްޔަރުކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

މައްސަލައިގެ ބާވަތުން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި މައްސަލައިގައި ހައި ކޯޓުން މިއަދު އިއްވި ހުކުމުގައި ކަނޑައަޅާފައިވަނީ، ކްރިމިނަލް ކޯޓުން އެ އަމުރު ނެރެފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، އެ އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެ އަޑުއެހުންތަކާއި މިއަދުގެ ހުކުމް އިއްވުން ވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހު، ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން، ކޯޓު އަމުރެއްގެ ދަށުންނެވެ. އޭގެ ފަހުން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރީ އެ ނިންމުމާ ގުޅިގެންނެވެ.

ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަޚްސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކުރިއިރު، އޭނާ ގެންދަވަމުން ދިޔައީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ކެމްޕެއިން ކުރެއްވުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު