އާދިއްތަ, November 22
ރާއްޖޭގައި ފުރަތަމަ ފަހަރަށް އައު ވައްތަރެއްގެ ދޫންޏެއް ރެކޯޑުކޮށްފި

ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތްރަޝް" ގެ ނަމުން ނަންދެވިފައިވާ ދޫނީގެ ބާވަތެއް މ. މުލިން ފެނިފައިވާކަން އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީރާ) އިން ހާމަކޮށްފިއެވެ.

އީރާއިން ދާދި ފަހުން ނެރުނު ޚާއްޞަ ސައިންޓިފިކް ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދޫނި ފެނިފައިވަނީ ތިމާވެށީގެ ގޮތުން ޚާއްޞަ އަދި ހިމާޔަތްކުރެވިދާނެ ސަރަހައްދުތައް ދެނެގަތުމަށްޓަކައި އީރާގެ ޓީމަކުން 26 އިން 30 އޮކްޓޫބަރު 2024 އަށް މުލަކަތޮޅުގައި ކުރިއަށްގެންދިޔަ ސާވޭއެއްގެ ތެރެއިންނެވެ.

ރިޕޯޓުގައިވާ ގޮތުން، 29 އޮކްޓޫބަރު 2024 ގެ ހެނދުނު މުލީގެ ދަނޑުވެރިކަންކުރާ ސަރަހައްދަކުން މި ބާވަތުގެ ދެ ދޫނި ފެނިފައިވާއިރު، އެއިން އެއް ދޫނި ރުކެއްގެ ކުރީގައި އިންދާ ފޮޓޯ ނަގާފައިވަނީ އީރާގެ ހުސައިން ޝުފްރާންއެވެ. ޖެހިގެން އައި 30 ވަނަ ދުވަހު ވެސް ހަމަ އެ ސަރަހައްދުން މި ދޫނިތައް ފެނި، އިތުރު ފޮޓޯތައް ނަގާފައިވެއެވެ.

ޔޫސުފް ރިޟްވާން، ހުސައިން ޝުފްރާން، މުޙައްމަދު އައިމަން އަދި އަޙްމަދު ބަޝީރު އެކުލަވާލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ދޫނީގެ ދަފްތަރުތައް ކަމަށްވާ "އެވިބޭސް" އަދި "އީބާޑް" ގައި ވެސް ރާއްޖެއިން މި ދޫނި ރެކޯޑުކުރެވުނު ފުރަތަމަ ފަހަރަކީ މިއީއެވެ.

ރާއްޖެއިން މުޅިން އަލަށް ފެނުނު ދޫންޏަކަށް ވާތީ، މި ދޫންޏަށް އަދި ދިވެހި ނަމެއް ކަނޑައެޅިފައެއް ނުވެއެވެ.

މި ދޫންޏަކީ ޢާންމުކޮށް ޔޫރަޕް، މެދުތެރޭ އޭޝިއާ، އެފްރިކާ އަދި ޗައިނާގެ ފަރުބަދަމަތީ ހިސާބުތަކުގައި ބިމުގައި އުޅޭ ދޫންޏެކެވެ. މި ދޫނީގެ ބޮލާއި ކަރުގެ ބައި ހުންނަނީ ނޫ-އަޅި ކުލައިގައެވެ. އަދި ނިގުލާއި ބަނޑުދަށް ހުންނަނީ މުށި-އޮރެންޖު ކުލައިގައެވެ. މޫސުމީ ގޮތުން ހިޖުރަކުރާ މި ދޫނި އިންޑިއާގެ އުތުރުގެ ސަރަހައްދުތަކުން ފެނިފައިވެއެވެ.

އީރާއިން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ މެދުތެރޭ އޭޝިއާގެ "ފްލައިވޭ" ގައި މޫސުމީ ދޫނިތައް މަޑުކުރާ މުހިންމު މަންޒިލަކަށް ވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުވަތަ މަގުއޮޅުމުގެ ސަބަބުން މިފަދަ އައު ދޫނިތައް ރާއްޖެއަށް އައުން އެކަށީގެންވެއެވެ.

މި ހޯދުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ދޫނި ހިޖުރަކުރާ މަގުތައް ދެނެގަތުމަށާއި، ރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން އިތުރަށް ދިރާސާކުރުމަށް މުހިންމު މަޢުލޫމާތުތަކެއް ލިބޭނެ ކަމަށް އީރާއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު