މިއަހަރުގެ އޮކްޓޫބަރު މަހު ދައުލަތުގެ ޖުމްލަ ޚަރަދު، ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު 5.9 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ނެރުނު މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ އޮކްޓޫބަރު މަހު ދައުލަތުން 3.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ޚަރަދުވެފައިވަނީ 3.8 ބިލިއަން ރުފިޔާއެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި އޮކްޓޫބަރު މަހު 3 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މަހު ހޭދަވި 3.1 ބިލިއަން ރުފިޔާއަށްވުރެ 3 އިންސައްތަ ދަށް އަދަދެކެވެ. މީގެ ތެރެއިން ހިންގުމުގެ ޚަރަދުތަކަށް ވަނީ 1.6 ބިލިއަން ރުފިޔާ ހޭދަވެފައެވެ.
ކެޕިޓަލް ޚަރަދަށް ބަލާއިރު، މިއަހަރުގެ އޮކްޓޫބަރުގައި 542 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މަހު ހޭދަވި 677 މިލިއަން ރުފިޔާއާ އަޅާބަލާއިރު 24.9 އިންސައްތައިގެ ދަށްވުމެކެވެ.
ޚަރަދުތައް ދަށްވި ނަމަވެސް، ދައުލަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފައެވެ. ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ސަރުކާރަށް 35 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 ބިލިއަން ރުފިޔާއެވެ. މިއީ 6 އިންސައްތައިގެ ކުރިއެރުމެކެވެ.






