އާދިއްތަ, November 22
އޮސްޓްރޭލިއާއާއި އެމެރިކާއިން ހަދިޔާކުރި ޑްރޯނާއި ބޮޑީވޯން ކެމެރާ ކަސްޓަމްސްއިން ބޭނުންކުރަން ފަށައިފި

އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި ސަވައިލަންސް ޑްރޯނާއި އެމެރިކާ ސަރުކާރުން ހަދިޔާކުރި ބޮޑީވޯން ކެމެރާ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ރަސްމީކޮށް ފަށައިފިއެވެ.

މި ވަސީލަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ. ބޮޑީވޯން ކެމެރާތައް ހަމަޖެހިފައިވަނީ އޮފިސަރުންގެ މަސައްކަތުގައި ބޭނުންކުރުމަށެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، އަލަށް ތަޢާރަފުކުރެވުނު ބޮޑީވޯން ކެމެރާއާއި ސަވައިލަންސް ޑްރޯނަކީ ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ފެށުނު ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ.

މި ވަސީލަތްތަކުގެ ސަބަބުން ކަސްޓަމްސްއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުވެ، ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދުތައް މޮނިޓަރކޮށް ބެލެހެއްޓުން މިހާރަށްވުރެ ވަރުގަދަވާނެ ކަމަށާއި، ކުރިމަގުގައި ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމަށް ގިނަ ކަންކަން ރޭވިފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.

ޖަލްސާގައި ކަސްޓަމްސްގެ ތާރީޚާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ހިމެނޭ، "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" ގެ ނަމުގައި ފޮތެއް ވެސް ވަނީ ނެރެފައެވެ.

އަދި ކަސްޓަމްސްގެ މުވައްޒަފުންގެ އަގުވަޒަންކޮށް، އެ މުއައްސަސާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ "ރައީސުލްޖުމްހޫރިއްޔާގެ ކުލަ" ހަތަރު އޮފިސަރަކަށް ވަނީ އަރުވާފައެވެ. 20 އަހަރު ދުވަހު ޚިދުމަތްކުރި 29 މުވައްޒަފަކަށް ރަން ބެޖު ލިބުނުއިރު، ޚިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ ޚާއްޞަ އެވޯޑު ވެސް ލިބިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު