އާދިއްތަ, November 22
ޕާކިސްތާނުގެ އައު ސަފީރަކަށް ބިލްގްރާމީ ހަމަޖައްސަވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާ އައު ސަފީރަކަށް، އެ ޤައުމުގެ ނޭވީގެ ވައިސް އެޑްމިރަލް (ރިޓަޔަޑް) އުވައިސް އަޙްމަދު ބިލްގްރާމީ ހަމަޖައްސަވައިފިއެވެ.

މިއީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރުކަމަށް ވިދިވިދިގެން ދެވަނަ ފަހަރަށް ނޭވީގެ ރިޓަޔަޑް ވައިސް އެޑްމިރަލެއް ހަމަޖައްސަވާ ފަހަރެވެ. ކުރީގެ ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސޫލް ލޯދީ މި މަޤާމާ ހަވާލުވެވަޑައިގަތީ 17 ނޮވެމްބަރު 2024 ގައެވެ. ދައުރު ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ލޯދީ ވަދާޢީ ޒިޔާރަތެއް ކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ.

ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބިލްގްރާމީ ވަނީ ޕާކިސްތާނުގެ ރިޔާސީ ގަނޑުވަރު "އީވާން-އޭ-ސަދްރު"ގައި އެ ޤައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ ބައްދަލުކުރައްވާފައެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 ފަހުމުނާމާގެ ދަށުން، ވިޔަފާރި، ތަޢުލީމު، ސިއްޙަތު އަދި ދިފާޢީ ދާއިރާއިން ޢަމަލީ ނަތީޖާ ނެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް ޒަރުދާރީ ވަނީ އައު ސަފީރަށް އިރުޝާދު ދެއްވާފައެވެ.

ދިފާޢީ ދާއިރާއިން ސޮއިކުރެވުނު ތިން އެއްބަސްވުމުގެ ދަށުން އުފައްދަން ނިންމާފައިވާ "ޖޮއިންޓް ވޯކިން ގްރޫޕް އޮން ޑިފެންސް އެންޑް ސެކިއުރިޓީ ކޯޕަރޭޝަން" ވީ އެންމެ އަވަހަކަށް އެކުލަވާލުމަށް ވެސް ރައީސް ޒަރުދާރީ ބާރުއަޅުއްވާފައިވާއިރު، ޕާކިސްތާނުން ދޭ ސްކޮލަރޝިޕްތަކުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް އިތުރަށް ފަހިކޮށްދިނުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ.

ބިލްގްރާމީއަކީ ޕާކިސްތާނުގެ ނޭވީގެ ވައިސް ޗީފް އޮފް ނޭވަލް ސްޓާފްކަމާއި، ޕީއެންއެސް ޚައިބަރު ނަމަކަށް ކިޔާ މަނަވަރުގެ ކޮމާންޑަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރިޓަޔާކުރެއްވުމަށްފަހު ޑިފެންސް މިނިސްޓްރީގެ ޗީފް އޮފް ސްޓާފްކަމާއި އެޑިޝަނަލް ސެކްރެޓަރީކަން ވެސް އެމަނިކުފާނު ކުރައްވާފައިވެއެވެ.

ބައްދަލުކުރެއްވުމުގައި ބިލްގްރާމީ ވަނީ ރައީސް ޒަރުދާރީގެ އިރުޝާދުތަކަށް ޝުކުރު އަދާކުރައްވައި، ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތައް ތަންފީޒުކޮށް ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު